English Edition
Dhivehi Edition
ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރިޝްވަތުގެ ތިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަން ފަށައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި އޭސީސީ ތަމްސީލް ކުރައްވާ މެމްބަރު ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ،އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި، ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ ކަމަކުން ކުށެއް ކަމަށް ބެލެވިދާނެ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. މީގެ އިތުރުން މުއައްވިޒް ވިދާޅުވީ މި ގާނޫނުގައި ބުނާ މުއާމަލާތްތަކާ ގުޅިގެން ތިން ޝަކުވާއެއް މިހާތަނަށް ލިބިފައިވާކަމަށާއި އޭގެ ތެރެއިން އެއް މައްސަލަ ބަލާ ނިމިފައިވާކަމަށެެވެ. އެ މައްސަލަ އާއި ގުޅޭ ގޮތުން މުއައްވިޒް ވިދާޅުވީ ޝަކުވާގައި ކަންތައް ހިނގާފައި ވަނީ ކެންޑިޑޭޓަކަށް ވުމުގެ ކުރިން ކަމަށް ވާތީ އެ މައްސަލަ ގާނޫނުގައި ބުނާ ހާލަތަކަށް ނުފެތޭ ކަމަށެވެ.

މީގެ އިތުރުން މުއައްވިޒް ވިދާޅުވީ ޝަކުވާ ހުށަހެޅުނު އިތުރު ދެ މައްސަލަ ބަލަމުން އަންނަކަމަށާއި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއެކު ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަކަށް އެއްޗެއް ދިނުމަށް ނުވަތަ ހިދުމަަތެއް ފޯރުކޮށްދިނުމަށް މަންފާއެއް ހޯދައި ދިނުމަކީ ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ އެވެ.