ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަން އަންގައިފިއެވެ.
ފުލުހުން ބުނީ މަޖިލީހުން އެ އިދާރާއަށް ފޮނުވި ސިޓީގައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން ނެތްކަމަށް މަޖިލީހަށް އަންގާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަކުރެވޭ ކަމަށް ބުނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.