ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލައުންޑަރިންގެ ދައުވާ އުފުލައިފިއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި އަހަރުގެ އެޕްރީލް މަސްތެރޭގައެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު، ވ. ވެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މަނިކުފާނަށް ދައުވާކޮށްފައިވާއިރު މި މައްސަލައިގައި ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށްޗެސް ވަނީ ދައުވާ އުފުލާފައެވެ،
ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.