ޕާކިސްތާނުގެ އަސްކަރީ މަނަވަރަކަށް ރާއްޖެއިން ހުއްދަ ނުދިން ކަމަށް ދެކެވޭ ވާހަކަ ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ދޮގުކޮށްފި އެވެ.
ޕާކިސްތާނު އެމްބަސީއިން މިހެން ބުނީ، ރާއްޖެ އަންނަން ތާވަލުކޮށްފައި އޮތް ޕާކިސްތާނުގެ އަސްކަރީ މަނަވަރު އައުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ރާއްޖެއިން ނުދޭން ނިންމާފައިވާކަމަށް ބުނެ އިއްޔެ ރާއްޖޭގެ މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. މި ވާހަކަތަކާއި ގުޅިގެން ޕާކިސްތާނު އެމްބަސީއިން ބުނީ އެ ފަދަ ނިންމުމެއް ރާއްޖެއިން ނިންމާފައި ނުވާކަމަށެވެ. އަދި ޕާކިސްތާނުގެ މަނަވަރު ރާއްޖެ އައުމަށް ނިންމާފައިވަނީ އަންނަމަހުގެ ތެރޭގައި ކަމަށް ޕާކިސްތާނު އެމްބަސީ އިން ވަނީ ބުނެފައެވެ.މީގެ އިިތުރުން ޕާކިސްތާނު އެމްބަސީ އިން ބުނީ ރާއްޖެއާއެކު އަބަދުވެސް އޮންނަނީ ވަރަށް ރަނގަޅު ހާރިޖީ ގުޅުމެއް ކަމަށާއި އަދި ޕާކިސްތާނުގެ މަނަވަރު ރާއްޖެ އައުމާއި މެދު ރާއްޖެއިން ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ހަނގުރާމައެއް ފެށިދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުންދާ މި ދަނޑިވަޅު މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕާކިސްތާނުގެ މަނަވަރު ރާއްޖެއައުމަށް ހުއްދަ ރާއްޖެ އިން ނުދިނީ އިންޑިއާގެ ނުފޫޒުންނެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނެތެވެ