English Edition
Dhivehi Edition

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މޫސުން ގޯސްވެ އެތައްބަޔަކު މަރުވެ އަދި އެތައްހާސްބަޔަކު ހާލުގައި ޖެހިފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުން ދަނީ އެހީއަށް އެދި އަތުން ލިޔެފައިވާ މެސެޖް ނޫސްވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައިވާތީ އެމީހުންގެ އަޑު ބޭރަށް ފޯރުވެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ހާލަތު ބަޔާން ކޮށްދީ މެސެޖްތައް އަތުން ލިޔެ ކޮތަޅަށް ގާއަޅާފައި މެސެޖް ކޮތަޅަށްލާފައި އެހެންދާ ނޫސްވެރިންނާ ހަމައަށް މެސެޖް ފޯރުކޮށްދެވޭތޯ އެމީހުން ދަނީ ބަލަމުންނެވެ.

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވަނީ ވިދާޅުވެފައެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. މި އަހަރުގެ ވިއްސާރަ މޫސުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

ފެނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އެއްސަރަހައްދަކީ ފަރުބަދަ މަތީގެ ކައާން ކިޔާ ސަރަހައްދެކެވެ. އެތަނަކީ ޓުއަރިޒަމަށް މަޝްހޫރު ތަނަކަށް ވާއިރު، މައި ސިޓީއާ އަވަށާ ގުޅުވައިދޭ ހަމަ އެކަނި ބްރިޖް ވަނީ ހަލާކުވެފައެވެ. އަދި އެއަވަށުން އެކަނިވެސް، ނިމުނު ހަފުތާ ބަންދުގައި 15 މީހުން މަރުވެފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިހަވަރަކަށް ބްރިޖް ވެއްޓިފައިވާއިރު, ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާއެއްދެވޭނެ ގޮތެއްވެސް ނެތެވެ.

ގިނަ ބަޔަކު ބުނިކަމަށް ޚަބަރު ޗެނެލްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ހާލުގައި ޖެހިފައިވާ އަވަށް ސިޔާސީ ފަރާތްތަކުން ތަކަށް ދަނީ ހަމަ އެކަނި ފޮޓޯނެގުމަށެވެ. އަދިވެސް އެހީ ލިބެމުން ނުދާކަމަށް އެފަރާތްތަކުން ބުނާކަމަށްވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމަށްފަހު ކޮންމެ އާއިލާއަކަށްވެސް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.