English Edition
Dhivehi Edition

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ އައްޑޫއަށް ގިނަ އަދަދެއްގެ ސަފާރީތައް އަންނަމުންދާ ދުވަސްވަރެކެވެ. މި ދުވަސްވަރު އައްޑޫއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު އައްޑޫގެ އެކި ރަށްރަށުގެ ރީތި ގޮނޑުދޮށްތަކާއި ކަނޑު އަޑިން ލިބިދޭ އުުފާވެރި ކަމަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރައި ދިއުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ޔަގީނެވެ.

އެހެންނަމަވެސް ހިތާމައާއި އެކު ބުނަންޖެހޭ ވާހަކައަކީ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން މިރީތި މުދާއި ގޮނޑުދޮށްތައް ކުނިބުނިން ހަނޑިވަމުންދާކަމެވެ. އައްޑޫއަށް އަންނަ ގިނަ ސަފާރީތަކުން އެމީހުން ބޭނުންކޮށްފަ އުކާލާ ކުނިތައް ކަނޑަށް އަޅަމުންދާއިރު އޭގެ ތެރޭގައި ކަނޑުގެ ދިރުންތަކައް ގެއްލުންވާ ޕްލާސްޓިކާއި މިފަދަ އެހެން ސާމާންތައްވެސް ހިމެނެއެވެ.ސަފާރީތަކުން އަޅާކުނިތައް އައްޑޫގެ އެކި އެކި ރަށްރަށަށް ލައްގަމުންދާއިރު އައްޑޫގައި މިހާރުވެސް ދެ ރިސޯޓް ހިންގަމުންދެއެވެ. މި ހަފްތާ ތެރޭގައިވެސް ސަފާރީއަކުން މޫދަށް އަޅާފައިވާ ގިނަ އަދަދެއްގެ ކުނިތައް ޝަންގްރިއްލާގެ ޑައިވް ދޯނިން ނަގާފައިވާއިރު ގިނަ އަދަދެއްގެ ކުނިތައް ހެރަތެރެ އައިލެންޑް ރިސޯޓްގެ އަތިރިމައްޗަށްވެސް ވަނީ ލައްގާފައެވެ.

މި މައްސަލައާއި ގުޅިގެން ސަފާރީއެއްގައި މަސައްކަތްކުރާ މީހަކާއި ވާހަކަދައްކާލުމުން ބުނީ މިހާރުވެސް އެ ފަރާތްތަކުން ސަފާރީ ތަކުގެ ކުނި ނަގައި ދިނުމަށް ވެމްކޯގައި އެދިފައިވާނެކަމަށެވެ. އެހެންނަމަވެސް ވެމްކޯ އިން ބުނާ ތާރީހެއްގައި ކުނި ނެގެންދެން އެމީހުންނަށް މަޑުކުރެވެން ނެތްކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ގެ މެޔަރަށްވެސް ގުޅާފައިވާނެ ކަމަށާއި އެހެންނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އަދި މިކަން ކައުންސިލްގެ ސަމާލުކަމަށް ގެނެވިފައިނުވާކަމަށް އެ ފަރާތުންވަނީ ބުނެފައެވެ. މި މައްސަލައިގައި ވެމްކޯއިން ބުނެފައިވަނީ އެ ކުންފުނިން އާންމުކޮށް ހިދުމަތް ދެމުންދަނީ ރަޖިސްޓްރީކޮށްގެން ކަމަށާއި އެހެންކަމުން އެ ވަގުތުން ވަގުތައް ހިދުމަތް ދިނުމަކީ އުދަގޫކަމެއްކަމުގައެވެ. ސަފާރީތަކުން މޫދަށް ކުނި އަޅާ މައްސަލައަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ މައްސަލަ އެއް ކަމުގައިވީ ހިދު މި ދެ ފަރާތައްވެސް، އެއް ފަރާތުން އަނެއް ފަރާތުގެ ބޮލުގައި މި ޒިންމާ އަޅުވައިގެން ސަލާމަތްވެވޭކަށް ނެތެވެ.

ކުނިއެޅުން މަނާ ތަންތަނަށް ކުނި އަޅާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ހަދާފައިވާ “ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދު’ ގައި އެންމެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައި ވަނީ މޫދަށް ކުނިއެޅުމަށެވެ. މޫދަށް ކުނި އަޅާ ފަރާތްތައް 501 ރުފިޔާއިން ފެށިގެން 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާއިރު މި ސިޓީގެ ފަތުރިވެރިކަމުގެ މިހާ ޅަފަތުގައި ކަނޑާއި ގޮނޑުދޮށްތައް ހަލާކުވެ މިލިބޭ ގެއްލުން ހުއްޓުވުމަށް މި ވަގުތުން ވަގުތައް މަސައްކަތްކުރަން ޖެހެއެވެ. މިކަމުގައި ސަފާރީތަކުގެ ވެރިންނާއި، ސިޓީ ކައުންސިލާއި، ވެމްކޯ އިން މަޝްވަރާކުރެވި ކުނި ނައްތާލެވޭނެ ރަގަޅު އިންތިޒާމެއް ހަމަޖައްސަންޖެހެއެވެ. ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ނުހިތާނަމަ އެކަމަށް ކަނޑައެޅިފައިވާ ހައްގު އަދަބު ދެވެންޖެހެއެވެ.

 

ޓެގު