English Edition
Dhivehi Edition

ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާކުރި ދެމީހުން ކިތަންމެ ބާރުގަދަ ވިޔަސް އެމީހުންގެ މައްސަލަ ބަލައި އިންސާފް ހޯދައިދޭން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖޭގައި މަސައްކަތްކުރާ ކެންޔާ ގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށުގެ ވެށިން ދެމީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުން ދޫކޮށްލާފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު ރޭޕްކުރި އަންހެން މީހާ ރާއްޖޭގެ ދުވަހު ނޫހަކަށް މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ބުނީ ރޭޕްކުރި ދެމީހުންނަކީ މިގައުމުގެ ސަރުކާރުގައި ވަރަށް ބާރު ގަދަ ”ރޯޔަލް ފެމިލީ“ އެއްގެ ބައެއް ކަމުގައި ހުޅުމާލެ ޕޮލިހުގައި މަސައްކަތްކުރާ ފުލުހަކު ބުނެފައިވާ ކަމަށެވެ. އަދި ރޭޕް ކޭސް އެއްގައި މިގޮތަށް ކްރައިމް ސީނުން ހައްޔަރުކުރާ ރޭޕިސްޓުން ދޫކޮށްލާ މީ ފުރަތަމަ ފަހަރުކަމަށްވެސް އެ ފުލުސްމީހާ ބުނެފައިވާކަމަށް އެ އަންހެންމީހާ ވަނީ ބުނެފައެވެ.

މި މައްސަލަ އޮއްބާލުމަށް މަސައްކަތްކޮށް، އަންހެންމީހާއަށް ބިރު ދައްކަމުން ދާ މައްސަލަ ފެންމަތިވެފައިވާއިރު މިއަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމައްސަލަ ތަހުގީގުކޮށްފައިވާ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިކަން ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އުޝާމްވަނީ ‏ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުތަކުގެ ދަށުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީގުކުރުމުގެ އަމުރެއް ނެރެދެއްވުމަށް ޕީޖީ ހުސައިން ޝަމީމަށް ގޮވާލައްވާފައެވެ.”ޤާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން ގާއިމްނުކުރެވޭނަމަ އިންސާފެއް ނުލިބޭނެ. މި ކުށް ކޮށްފައި ވަނީ ކިތަންމެ ބާރުގަދަ ފަރާތެއް ކަމުގައި ވީނަަމަވެސް މައްސަލަ ބަލައި ހައްގު އަދަބު ދޭން ޖެހޭ” އުޝާމް ވިދާޅުވިއެވެ.