English Edition
Dhivehi Edition

އިއްޔެ އަޑިއަށް ދިޔަ “ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީ އިން ބައެއް ތަކެތި އޮޔާ ދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާޒުކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކ.ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން (ވާދޫ ކަނޑު) ސަފާރީއެއް އަޑިއަށް ގޮސް އޭގައި ހުރި ބައެއް ތަކެތި އޮޔާދާކަމަށެވެ. އަދި މި ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް މުދާތައް އެ ސަރަހައްދުން އިރަަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާކަމަށެވެ. ޚާއްޞަގޮތެއްގައި ރޭގަނޑު މިސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާޒުކޮށްފައެވެ.

“ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީއެއް ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވަމުން ދާތީ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 08:39 ހާއިރުއެވެ. މިރިޕޯޓާއި ގުޅިގެން ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވެފައިވާއިރު، ސާފާރީއަށް ދިޔަވާން ފެށިއިރު އޭގައި ތިބީ 17 މީހުންނެވެ. އެއީ 11 ފަތުރުވެރިންނާއި ހަފަޅުވެރިންނެވެ. މި ސަފާރީ އިން ކަނޑުވި އެކަކު މަރުވެފައިވާއިރު އިތުރު ފަސް މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.