“ނުހާ، މުޅި އިންޓަނެޓްގަ އެހެރީ ކަލޭގެ ފޮޓޯތައް.” އަހަރެންގެ ބޭބެ ވެސް އެންމެ ފަހުން އެވާހަކަ އަހަންނާ ދިމާލަށް ބުނެފިއެވެ. އެވާހަކަ މަންމައާ ބައްޕަ ވެސް ތިބި ތަނެއްގައި ބޭބެ ބުނެފާނެޔެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. އެކަމަކު މުޅި ރަށުގައި ދައްކާ ވާހަކެއް އެމީހުންގެ ކަންފަތަށް އަރާކަށް ވެސް ލަހެއް ނުވާނެއެވެ.
އެފޮޓޯތައް އަހަރެންވެސް ދުށީމެވެ. އެއީ ޝައްކެއް ވެސް ނެތް މިންވަރަށް އަހަރެންގެ މޫނެވެ. އެކަމަކު އެހަށިގަނޑަކީ އަހަރެންގެ ހަށިގަނޑެއް ނޫނެވެ. އެކަމަކު މީހުން އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އަހަރެން ނޫނޭ ކިތަންމެ ފަހަރަކުވެސް ބުނީމެވެ. އެކަމުގެ ހެކި އަހަރެން ދައްކާނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ހަށިގަނޑު އިތުރަށް ހާމަކޮށް އިތުރުބަޔަކަށް ދައްކާކަށް އަހަރެން ބޭނުމެއްނުވެއެވެ.
އަހަރެންގެ ރަށަކީ މީސް މަދަކަސް ބޮޑު ރަށެކެވެ. މީސް މަދީ ގިނަ ފިރިހެނުން ރަށުގައި ނޫޅޭތީއެވެ. އެކަމަކު ޒުވާނުން ފުދޭވަރަކަށް ގިނައެވެ. ސްކޫލަށް ދާ ކުދީންނާއި ސްކޫލު ނިންމާފައި ވަޒީފާއަކަށް ނުނުކުމެ ތިބި މީހުންނެވެ. ރަށުގެ އެންމެންގެ އަތުގައިހެންވެސް ފޯނު ހުރެއެވެ. ލެޕްޓޮޕާއި ޓެބްލެޓްވެސް ރަށާ ބަލާއިރު މަދެއްނޫނެވެ. ދުވަސްވީ އުމުރުގެ މީހުންވެސް ކޮންމެވެސް ގޮތަކުން ނެޓަށް ވަދެ ހަދައެވެ. އެކަން އެނގެނީ ހީނުކުރާ ކަހަލަ މީހުންވެސް އަހަރެންނާ ދިމާވުމުން ބުނެލާ ބަސްތަކުންނެވެ. ޖަހާލާ ހިނިގަނޑުތަކުންނެވެ. މަހަށް ވަލަށްދާ މީހުންވެސް އެކިކަހަލަ ވައްބަހުން ޖަހަމުން ދެއެވެ.
އެފޮޓޯތައް މީހަކު ނެޓަށްލީފަހުން މަހެއްވެގެން ދިޔައިރުވެސް އަހަންނަށް ހެޔޮހިތުން ރުހުމަކުން އެއްޗެއް ބުނި މީހަކު ނެތެވެ. އަހަރެން ވަޒީފާ އަދާ ކުރާ ޝޮޕިން ސެންޓަރުގައި ވެސް މިހާރަކު އަހަންނަށް ގަދަރެއް ކުރާ މީހަކު ނެތެވެ. އަހަރެން ފެނުމާއެކު ހީވަނީ އެމީހުންގެ ބެލުންތަކުން އަހަރެން ކައިފާނެހެންނެވެ. ކޮންމެ ކަހަލަ ހެދުމެއް އަހަރެން އެޅިޔަސް އެމީހުންގެ ކުރިމަތީގައި އެ ހެދުމެކޭ ބިއްލޫރިގަނޑެކޭ އެއްފަދައެވެ.
އަހަރެން ވަޒީފާއަކަށް ދަނީ ރަށުގައި ހުންނަ މިނީމާޓް ޝޮޕިންގ ސެންޓަރަށެވެ. އެތަނުގައި އަހަރެން ކުރަން ޖެހެނީ އޮފީސް މަސައްކަތެވެ. މެނޭޖަރުގެ ދަށުން އަހަރެން ބަލަހަށްޓަނީ ލިޔެކިޔުމާއި ހިސާބުތަކެވެ. ބޮޑު ވިޔަފާރިއެއް އޮވެއްޖެނަމަ އެކަމެއްގައި އަހަރެން ބައިވެރިވަމެވެ.
އަހަރެންނަކީ އޮފީހުގައި މަސައްކަތް ކުރާ މީހަކަށްވާތީ ހުރިހާ މުވައްޒިފުން ވެސް އަހަރެންނަށް އިހުތިރާމު ކުރެއެވެ. އެހެންނަމަވެސް ފޮޓޯތައް ލީކުވީފަހުން އެމީހުންވެސް އެއްވެސް ގަދަރެއް އަހަންނަކަށް ނުކުރެއެވެ. ބުނާނީ ބުނާނެ އެއްޗެކެވެ. ފަހުންފަހުން އަހަރެން ބުނާ ގޮތަކަށް ކަމެއް ވެސް ނުކުރެއެވެ.
މެނޭޖަރު ސޯލިހު އެއްޗެއް ނުބުނުއްވާތީ އަހަންނަށް ކޮންމެވެސް ހަމަ ޖެހުމެއް ލިބެއެވެ. އެހެންނަމަވެސް އޭނާގެ ކުރިމަތީގައި ހުންނަ ކޮމްޕިއުޓަރުން އެއްޗެއް ހޯދާލާ ކޮންމެ ފަހަރަކު އަހަރެން އިންނަނީ ބިރުން ވިރިވިރިއެވެ. ހާސްވެ ނޭވާ ނުލެވިފައެވެ. މެނޭޖަރަށް އެ ފޮޓޯތައް ފެނިއްޖެނަމަ އަހަރެން ވަޒީފާއެިން ވަކި ކުރާނެއެވެ. ބައްޕަ އެވަނީ ވަޒީފާއެއް ނެތި އެވެ. އުމުރުން ދުވަސްވެފައިވާތީއެވެ. ބަލިހާލު ހުރިގޮތުންނެވެ. ގޭގެ ޚަރަދުތައް ބަލަހަށްޓަނީ އަހަންނާ ބޭބެއެވެ. އެ މައްސަލަ ތިލަވި ފަހުން ބޭބެ އަހަންނަކާ އަގަޔަކުން ނުބުނެއެވެ. ބައްޕަ ގެޔަކުން ނުނުކުމެއެވެ. ބައްޕައަކީ އެންމެ ވަގުތެއްވެސް ދޫނުކޮށް މުޅި އުމުރު މިސްކިތަށް ގޮސް އުޅުނު މީހެކެވެ. އެކަމަކު މީހުން ބުނެލާ ބަސްބަހާ މަލާމާތާ ކުރިމަތިލާކަށް ބައްޕަގެ ހިތްވަރެއް މިއަދަކު ނެތެވެ. ގިފިލިތެރޭ އެއްޗެހި ހިއްކަން ހަދާފައިވާ ގޭތެރޭގައި ބައްޕަ ކުނާއަޅައިފިއެވެ.
ފަގީރަކަސް ސިފަ ހުތުރަކަސް އެކަކަށްވެސް މިހާވަރުގެ އަސަރެއް ނުކުރާނެއެވެ. މީހުންގެ މަލާމާތަށް ވުރެން ގައިގައި ވޭން އަޅާކަމެއް ނޯވެއެވެ. މިހާލުގައި ރަށުގެ އެންމެން ކުރިމަތީގައި އުޅުމަށް ވުރެން އަތެއް ފަޔެއް ނެތި އުޅެންވެސް މާހިތަށް ފަސޭހައޭ އަހަރެންގެ ހިތަށް އަރައެވެ.
އަހަރެން ވަޒީފާއަށް ނުކުންނަން ޖެހެއެވެ. ދަނީ ހިނގާފައެވެ. ކާރު ސައިކަލްގެ ބޭނުމެއް މިރަށަކު ކުރާކަށް ނުޖެހެއެވެ. އަހަރެން ގޭން ނުކުމެގެން ފިހާރަޔަށް ދާ ދިހަ މިނިޓަކީ މިހާރު ދިހަ ގަޑި އިރެކޭ އެއްފަދައެވެ. އެކި އުމުރުގެ މީހުން އަހަރެން ދާ ގަޑީގައި މަގުމަތީގައި ގިނައީ ކީއްވެ ބާވައެވެ. އަހަރެންނަށް އެވަރަށް ބަލަން ޖެހޭ ހެއްޔެވެ؟ ދުވަހަކުވެސް ބަލާ ފޫހިނުވަނީ ހެއްޔެވެ؟
އަހަރެން އެދުވަހު ގޮސް ފިހާރަޔަށް ވަތން އިރުވެސް އެތާގައި އުޅޭ ފިރިހެނުންތައް ފާޑަކަށް ހެވިފައިތިއްބެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އެއަށް ވުރެން އުނދަގޫވީ މެނޭޖަރުގެ މޫނުމަތީންވެސް އެދުވަހު ހަމަ އެކަހަލަ ހިނިތުންވުމެއް ފެންނަން ހުރީމައެވެ. އަހަންނަށް ވުރެން އެތައްތަނެއް ދޮށީ މީހުން އެގޮތަށް އަހަންނަށް ބެލުމަކީ އަބަދުވެސް އަހަރެންނަށް އުނދަގޫވާކަމެކެވެ.
“ނުހާވެސް ހާދަ މަޝްހޫރުވެއްޖެޔޭ ދޯ.” މެނޭޖަރު އެހެންބުނީ ވަރަށް ގަޔާވެ ހުރެހެން ހީވެއެވެ. “ކުރިޔަކުން އަހަރެން ހިޔެއް ނުކުރަން ނުހާ ކުޅަދާނަ އެހެން ރޮނގުތަކެއް ހުރި ކަމެއް.”
އަހަރެން އިސްޖަހާލީމެވެ. އަހަރެން މެނޭޖަރުގެ ކުރިމަތީގައި ކަރުނަ އޮއްސާކަށް ބޭނުމެއްނުވިއެވެ.
“އަހަންނަކަށް ވެސް ނުހާ މިތާ ބައިންދައިގެން ދެން އުޅެވޭ ކަށެއްނެތް. “ އޭނާ ދެރަވާކަމަށް ފެންނަ ގޮތަކަށް އެންމެފަހުން ބުންޏެވެ. “މީހުންގެ މަލާމާތަށް ކެތް ކުރަން ދަތި. އަމުދުން އަހަރެންގެ އަންހެނުންނާ ދަރިންނަށް ދައްކާނީ ކޮން މޫނެއް. ކޮންމެވެސް ބަޔަކު ގޮސް ރުގިއްޔާ ގާތު ބުނެފި އަހަރެންނާ ނުހާ އޮފީސްތެރޭގައި މިވެނި އެވެނި ގޮތަކަށް އުޅެނީއޭ. ”
ވަޒީފާ ގެއްލުމުން އަހަރެންގެ ހުރިހާ އެއްޗެއް ގެއްލުނީއެވެ. ދުނިޔޭގައި އުޅުމުގެ އުންމީދު އަމުދަކުން ނެތެވެ. އެންމެ ހިނދުކޮޅަކުވެސް ދިރިހުރުމުގެ ބޭނުން ކެނޑިގެން ދިޔައެވެ. އެންމެ ފަސޭހައިން މިދުނިޔެ ދޫކޮށް ދެވޭނެ ގޮތްގޮތް އަހަރެން ވިސްނަން ފަށައިފީމެވެ. އެކަމަކު އެއިން އެއްވެސް ގޮތަކީ ވޭން ކުޑަ ކަންކަމެއް ނޫނެވެ. މިވޭނުގައި އުޅުމަށް ވުރެން އެގޮތް ރަނގަޅޭވެސް ބައެއްފަހަރު ހިތަށް އެރިއެވެ. އެއީ މިއަދު މިއުޅެން ޖެހޭ ވޭނަކީ ނިމެން އޮތް ކަމެއް ނޫނެވެ. އަހަންނަށް މަގުމައްޗަށް ނުނުކުމެ ހުރެވިދާނެއެވެ. އެކަމަކު މައިންބަފައިންނަށް ނުފެނި ހުރެވިދާނެހެއްޔެެވެ؟ ބޭބެ އެހުރިހާ އެއްޗެއް ބެލިކަން އަހަންނަށް ޔަގީނެވެ. އެހެންވެ އޭގެފަހުން އަހަންނާ ހަތަރު ކަޅި ހަމަކުރާކަށް ބޭބެއަކަށް ނުކެރެއެވެ.
އަހަރެން އެންމެ ފަހުން އަހަރެން އިންނަން ރައްޓެހިވެގެން އުޅުނު އާމިރުއާ ބައްދަލުކޮށް ރޮއި އާދޭސްކޮށްފީމެވެ. އަހަރެން ގޮވައިގެން އެހެން ރަށަކަށް ދާށޭ ކިޔައިގެންނެވެ. އެއީ އަހަރެންގެ ފޮޓޯތަކެއް ނޫންކަމާއި އަހަރެން އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ވާހަކަ ތަކުރާރުކޮށް ބުނީމެވެ. އެކަމަކު އެވާހަކައެކޭ ދޮންވެ ހޫނުވެފައިވާ ހަރު ހިލައެއްގެ މައްޗަށް ޖަހާ ފެންތިއްކެކޭ އެއްގޮތެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް އޭނާ ގަބޫލެއް ނުކުރިއެވެ.
“އަހަރެން ނުހާގެ ތިޔަ ބަސްތައް އަޑުއަހައިފާނަން. އެކަމަކު އަހަރެން ނުހާއާ އެކު ގޮސް އުޅޭނީ ވަކި ކޮންތާކުތަ؟ ހުރިހާ ތަނެއްގައިވެސް ނެޓްހުންނާނެ؟”
އެއީ އަހަރެންނަށް އޮތް އުންމީދުގެ ފަހު ވާފަށެވެ. އެވާފަށްވެސް އެންމެފަހުން އެ ކެނޑުނީއެވެ.
އަހަރެން އިރުއޮއްސުނު ވަގުތު މޫދަށް އެރުނީ ކޮންމެހެން ކަނޑަށް އެރި މަރުވުމުގެ މަގުސަދުގައެއް ނޫނެވެ. ދުވާލު އަލިކަމުގެ ތެރޭގައި މީސްމީހުންގެ ބެލުންތަކާ ކުރިމަތިލާނެ ހިތްވަރު ނެތީމައެވެ. އަހަރެންގެ ބޮލުތެރޭގައި އެނބުރޭ މިވޭންގަދަ ފިކުރުތަކާ ދުރަށް ދިއުމަށެވެ. އަހަރެން ބޭނުންވީ އަހަރެންގެ މި ސުންޕާ ހަށިގަނޑާ ވީހާވެސް ދުރަކަށް ދިއުމަށެވެ. އޭަރަކުން މީހުންގެ މަލާމާތާ ކުރިމަތިލާކަށް އަހަންނެއް ނުހުންނާނެ ނޫންހެއްޔެވެ؟ އެވަގުތު އަހަރެންނަށް މޫދަށް އެރެވުނީ ކުރެވޭ ނުކުރެވޭކަމެއް ނޭނގި ހުރެއެވެ.
އަހަރެން ހޭ އެރީ ހެލްތު ސެންޓަރުގައި އައިވީ ގުޅާފައި އޮއްވައެވެ. އޭރު އަހަރެންގެ ގައިގެ އެތަން މިތަން ވަނީ ބޭސް އަޅައި ބެންޑޭޖް ކޮށްފައެވެ. ޖެހި ރާޅަކާއެކު އަހަރެން މޫދަށް ވެއްޓުނުކަން އަހަންނަށް ހަނދާންވިއެވެ. ދެން އޮއިވަރާއެކު ފަރާ ދިމާއަށް އަހަރެން ގެންދަން ފެށީއެވެ. އަހަރެން ފެތީމެވެ. ސަލާމަތްވާން އުޅުނީމެވެ. އެކަމަކު އަހަރެންގެ ބޯ ގަލެއްގައި ޖެހި ހޭނެތުނީއެވެ. ރަށަށް އައި ރިސޯޓް ދޯނީގެ ބަޔަކަށް އަހަރެން ފެނިގެން ނަގައިގެން ސެންޓަރަށް ގެނައީއެވެ.
އަހަރެން ހޭ އެރީ އޭގެ އަނެއް ދުވަހުއެވެ. އޭރު ކައުންސިލް އޮފީހަށް އަހަންނާ ބެހޭގޮތުން މައުލޫމާތު ތަކެއް ފޮނުވާފައި އޮތްކަމެއް އަހަންނަކަށް ނޭގެއެވެ. އެތަނުގައި ހުރި ބޭރު އަންހެން ޑޮކްޓަރަކާއި ނަރުހުންވަނީއަހަރެންގެ ޒަޚަމްތަކުގެ އިތުރަށް އެހެން މައުލޫމާތު ތަކެއް ވެސް ދީފައެވެ. އެއީ ނެޓްގައި ދައުރުވަމުންދާ ފޮޓޯތަކަކީ އަހަރެންނާ އެއްވެސް ގުޅުމެއް ނެތް ފޮޓޯތަކެއް ކަމަށް ބަޔާން ދީފައެވެ. ނަރުހުން އަހަންނާ އެވާހަކަ ހިއްސާ ކުރިއެވެ. “އެއީ ނުހާގެ ހަށިގަނޑެއް ނޫން.” އެމީހުން ޔަގީންކަމާއެކު ބުންޏެވެ. އަދި މިހެންވެސް އަހަރެން ކުރެން އެއްސެވެ. “އެކަންތައް ކުރީ ކާކުހެންތަ ނުހާއަށް ހީވަނީ؟”
އަހަރެން ހަނދާންވިއެވެ. ޖީހާން އަހަންނާ ރައްޓެހިވާން ކުރިއެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން އެއްދުވަހަކު ބުނެލިއެވެ. “އަހަންނަކާ ކުޅި ކުޅިވަރެއް ނުކުޅެވޭނެ. ހަނދާންކުރާތި. މުޅި އުމުރު ކަލޭ ކަރުނަ އަޅަން ޖެހޭނެ.”
ޖީހާނާ އަހަރެން ރައްޓެހި ނުވީވެސް އޭނާގެ އުޅުން ގޯސްވީމައެވެ.
އަހަރެންގެ ފޮޓޯތައް އޭނާވެސް އަދި އެހެން މީހުންވެސް ނަގައެވެ. އަހަރެންގެ ރީތިކަމުގެ ވާހަކަ ބުނެއެވެ. ބައްޓަންތައް ފުރިހަމަކަމަށް ތާރީފުކޮށް ހަދައެވެ. އަހަރެން ބަލަނީ އެއީ ފިރިހެނުންގެ އާދައެއް ކަމަށެވެ. މިޒަމާނަކު ކެމެރާއަކަށް ނާރާނެ ގޮތަކަށް މީހަކަށް އުޅެވިދާނެހެއްޔެވެ؟ އަޅާ ހެދުމަކުން އެފަދަ މީހުންގެ މަސްތީ ނަޒަރުގެ ކުރިމަތިން އެކަކަށްވެސް ނިވާވެފައެއް ނުވެއެވެ. ޖީހާން އެހެން ބުނިއިރަކުވެސް މިވަރުގެ ކަމެއް އޭނާ ކޮށްފާނެއެކޭ އަހަރެން ހިތަކަށް ނާރައެވެ.
މައްސަލަ ތަހުގީގު ކުރެވި ޖީހާން އެކަމުގައި ބެދި ހައްޔަރު ކުރެވިއްޖެއެވެ. އަދި ފޮޓޯތައް ސައިޓްތަކުން ނަގައި އަހަރެންގެ ކުށެއްނެތްކަން ސާބިތުވެ ރަށު އެންމެންނަށް އަހަންނަކީ މީހެއްގެ ހަސަދައިގެ ޝިކާރަޔަކަށްވީ މައުސޫމު މީހެއްކަން އެނގިއްޖެއެވެ.
ރަށުގެ ބައެއް މީހުން އަހަރެމެންގެ ގެޔަށް އައިސް ބައްޕަމެން ކުރެން މާފަށް އެދުނެވެ. ބޭބެވެސް ކަންތައް ކުރެވުނު ގޮތާހެދި ދެރަވެގެން އަހަރެންގެ ގާތަށް އައިސް ރުޔެވެ. ބައްޕަ ބުންޏެވެ. “އަހަރެންގެ ދަރިފުޅަށް އަހަރެންގެ އިތުބާރު އަބަދުވެސް އޮތް.”
އަހަރެންނަށް ލިބުނު ބަދުނާމުގެ ބަދަލު ނަގާދޭން ހުށަހެޅުނު ވެސް މެއެވެ. އަހަރެން އެކަންތައް ދޫކޮށްލީއެވެ. އަހަރެންނަށް ހަމަޖެހިގެން ދިރި އުޅެވެނިކޮށް އަހަންނަށް ނިމުނީއެވެ.
އަހަރެންގެ ވަޒީފާ އަނބުރާ އަހަންނަށް ލިބޭނެކަން މެނޭޖަރު ސޯލިހު އެންގެވިއެވެ. އެހެންނަމަވެސް އަހަރެން އަލުން އެތަނަށް ދާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އެދުވަހު މެނޭޖަރުގެ ކުރިމަތީގައި ރުއި ރުއިންތަކުގެ އަޑު ނޭއްސެވީމައެވެ. އަހަރެންގެ ބަހަށް އިތުބާރު ނުކުރާ މެނޭޖަރެއްގެ ދަށުގައި މަސައްކަތް ކުރާނީ ކިހިނެއްހެއްޔެވެ؟ މާދަމާ ވެސް ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނެ ނޫންހެއްޔެވެ؟
އަހަރެންނަށް މާލޭގެ ބޮޑު ޝޮޕިންގ މޯލަކުން ރަނގަޅު ވަޒީފާއެއް ލިބިއްޖެއެވެ. އަހަރެން ފުރުމުގެ ކުރީން އާމިރު އައިސް އަހަރެމެންގެ ލޯބީގެ ގުޅުން ކުރިޔެކޭ އެއްގޮތަށް ކުރިޔަށް ގެންދަން އެދުނެވެ. އެހެންނަމަވެސް އަހަރެން ބުނެލީ އެންމެ ޖުމުލައެވެ.
“އާމިރު. އަހަންނަށް އިތުބާރެއް ނެތް މީހަކާ އަހަރެންގެ މުޅި އުމުރު ހަވާލެއް ނުކުރެވޭނެ. އާމިރުގެ އިތުބާރު އަހަންނަށް ގެއްލިއްޖެ. ވަގުތު ފާއިތުވެއްޖެ!”