English Edition
Dhivehi Edition

ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން އަކީ އެ ދާއިރާގައި މަސައްކަތްކުރާ އެހެން ތަރިންނަށް ނަމޫނާ ބަތަލެކެވެ. އަމީތާބްއަކީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ މޮޅު ހުނަރަށް ބަދަލެއް އައިސްފައިނުވާ ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާގައި ނުކުޅޭ ރޯލެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މީގެ 50 އަހަރުކުރިން 15 ފެބްރުއަރީ 1969 ވަނަ އަހަރު އަމީތާބް ފިލްމީ ދާއިރާއަށް ތައާރަފްވެގެން ދިޔައީ ‘ ސާތް ހިންދުސްތާނީ’ އިންނެވެ. އޭގެ ފަހުން ‘ޕަރްވާން’ ‘އާނަންދް’ ބޮމްބޭ ޓޫ ގޯއާ’ ފަދަ ފިލްމުތަކުން އަމީތާބް ފެނިގެން ގޮސްފައިވާއިރު މިއަދު އޭނާ އެ ހުރި ހިސާބަށް ދަތުރުކުރީ ވަރަށް ގިނަ އަޑިގުނޑަށް ރާސްތާތައް ކަޑައްތުކުރުމަށްފަހުގައެވެ

1982 ވަނަ އަހަރު ފިލްމު ‘ކޫލީ’ ކުޅުމުގެ ތެރޭގައި އަމީތާބްއަށް ވަރަށް ބޮޑަށް އަނިޔާވެ ފިލްމީ މަސައްކަތްތަކާއި ދުރުގައި އުޅެންޖެހުނެވެ. އަމީތާބްއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ކެރިއަރު އެހާ ހިސާބުން ނިމުނީ ކަމުގައި ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެ ފިލްމު ކުޅުމުގެ ތެރޭގައި އަމީތާބްއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ފިލްމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވަންދެން އަމީތާބްއަށް ފަރުވާކުރަން ޖެހުނު އިރު އެ ފިލްމު ބެލުންތެރިންނާއި ހަމައަށް އައީ 1983 ވަނަ އަހަރުގައެވެ. ގިނަ ދުވަސްތަކެއްގެ މެދުކެޑުމަކަށްފަހު އެ ފިލްމު ސިނަމާތަކުގައި އެޅުވި އިރު އެ ފިލްމަށްވަނީ ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައެވެ.

1970 ގެ އަހަރުތަކުގައި އަމީތާބްގެ ގިނަ ފިލްމުތަކެއް ބެލުންތެރިންށް ފެނިގެން ދިޔައިރު ‘ ދީވާރް’ ‘ޒަންޖީލް’ ‘ޝޯލޭ’ ފަދަ ފިލްމުތަކުގައި ފެނިގެން ދިޔަ ސީރިއަސް ރޯލުތަކުގެ ސަބަބުން އިންޑިއާގެ ‘ އެންގްރީ ޔަންގް މޭން’ ގެ ގޮތުގައި ގިނަ ބަޔަކުވަނީ އަމީތާބް ސިފަކޮށްފައެވެ. 1970 އަދި 1980 ގެ އަހަރުތަކުގައި މުޅި ބޮލީވުޑް އަމީތާބްގެ މުށުތެރެއަށް ލާފައިވާއިރު އޭނާގެ ނުފޫޒްވަނީ މުޅި އިންޑަސްޓްރީއަށް ފޯރާފައެވެ. އެހެންކަމުން ފްރޭންސްގެ މަޝްހޫރު ޑައިރެކްޓަރަކު ވަނީ އިންޑިއާގެ ފިލްމީ ދާއިރާ ‘ ވަން މޭން އިންޑަސްޓްރީ’ގެ ގޮތުގައި ސިފަކޮށްފައެވެ.

ފިލްމީ ދާއިރާގައި އަމީތާބް ހޭދަކުރި 50 އަހަރުގެ ތެރޭގައި އޭނާއަށް ނުލިބޭ އެއްވެސް ކާމިޔާބީއެއް ނެތެވެ. ނޭޝަނަލް ފިލްމު އެވޯޑާއި ފިލްމު ފެއާރ އެވޯޑްގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ އަމީތާބްއަށް ވަނީ އިންޑިއާ ސަރުކާރުން ‘ ޕަދްމާ ޝްރީ އެވޯޑް’ ޕަދްމާ ބުޝަން އެވޯޑް’ ޕަދްމާ ވިބުޝަން’ އެވޯޑް ދީފައެވެ. އަދި ފްރާސްން ސަރުކާރުންވަނީ އެގައުމުގައި ދެވޭ އެންމެ މަތީ އެވޯޑް ‘ލީޖަން އޮފް އޮނާރ ‘ އެވޯޑް އަމީތަބަށް ދީފައެވެ.

އަމީތާބްއަކީ އޭރުވެސް އަދި މިހާރުވެސް ބޮލީވުޑްގެ ނުފޫޒްގަދަ ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ތަރިކަން ޔަގީނެވެ. އުމުރުން 76 އަހަރުގެ އަމީތާބް އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރިލީޒްކުރި ‘ތަގްސް އޮފް ހިންދުސްތާން’ އިންނެވެ.