English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަމީތާބް ބައްޗަން އޭނާގެ ބައެއް އަންނައުނު ކެރެލާ ރިލީފް ފަންޑަށް ހަދިޔާ ކޮށްފިއެވެ.

އިންޑިއާގެ ކެރެލާއަށް ފެންބޮޑުވުމުގެ ހާދިސާގައި އެތަށް ހާސް އާއިލާތަކެއްގެ ގެދޮރު އެއްކޮށް ވަނީ ހަލާކުވެފައެވެ. އިންޑިއާގެ ނޫސަތަކުން ބުނާގޮތުގައި މިހާދިސާގައި މިހާތަނަށް 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ ކަމާބެހޭފަރާތްތަކުން ބުނާގޮތުގައި ކެރެލާގެ އެތައް ސަތޭކަ ދަނޑުބިމެއް އެއްކޮށް ވަނީ ހަލާކުވެފައެވެ. ކެރެލާއަށް މިދިމާވި ގެއްލުންތަކުން އަރައިގަތުމަށް އެތަށް ދުވަހެއް ނަގާނެކަމަށް މާހިރުން ދަނީ ބުނަމުންނެވެ. ގިނަ ހެޔޮއެދޭ ފަރާތްތަކަކުން ކެރެލާއަށް އެހީވަމުންދާއިރު އަމީތާބް ބައްޗަން ވަނީ އޭނާ އަމިއްލައަށް ބޭނުންކުރާ ހެދުންތަކެއް ކެރެލާ ރިލީފް ފަންޑަށް ހަދިޔާ ކޮށްފައެވެ. މިގޮތުން އަމީތާބް ވަނީ ހަ ކާޓަންގެ ހެދުން މި ފަންޑަށް ހަދިޔާ ކޮށްފައެވެ. މީގެ ތެރޭގައި 80 ޖެކެޓާއި 25 ހަރުވާޅާއި 20 ގަމީހާއި އަދި ގިނަ އަދަދެއްގެ ސްކާފްވެސް ހިމެނެއެވެ. އަދި މީގެ އިތުރުން އަމީތާބް ވަނީ އޭނާގެ 40 އިސްޓާކީންވެސް ހަދިޔާކޮށްފައެވެ.

ކެރެލާގެ މި ހާދިސާއަށް އެހީތެރިވުމަށް އިންޑިއާގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންވެސް ވަނީ މިހާރު ނިކުމެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ޝާޙްރުކް ޙާން،އަކްޝޭ ކުމާރް، ވިދްޔާ ބާލަން އަދި ޖެކްލިން ފެނަންޑަސް ހިމެނެއެވެ.