English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަން ފަށައިފި އެވެ

އޭއޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ އީސީ އިން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އަލަށް ގެނައި އިސްލާހުގެ ދަށުން އަމިއްލަަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.ޕީއެންސީ އާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަކަމަށް އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެފައިވާއިރު އެ މައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވައެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީއިން ބަލަމުންދަނީ ޕީއެންސީއިން އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރިކަމުގެ މައްސަލައެވެ.

ދާދިފަހުން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އީސީ އިން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މި ގަވައިދަށް އަމަލުކުރަން ފެށުމާއެކު ޕީއެންސީ އާއި ޕީޕީއެމްއަށް ތާއިދުކުރާ ގިނަ ބަޔަކުވަނީ އީސީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ގަވައިދަކީ ޕީއެންސީއަށް ހާއްސަކޮށް އެކުލަވާލި ގަވައިދެއްކަމުގައި ބުނެފައިވެއެވެ. އަދި އެ ޕާޓީ އުފެއްދުމަށް ދެއްވި ހުއްދަ ބާތިލް ކުރެވޭ ގޮތައް އިލެކްޝަންސް ކޮމިޝަނުން ގަވައިދެއް އެކުލަވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައިވެސް ގިނަބަޔަކުވަނީ ސިފަކޮށްފައެވެ

އީސީއިން ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން އާ ޕާޓީއެއް މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކޮށްގެން ހިންގާކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީއަށް ލިބިގެންވެއެވެހިނގަމުންދާ ޕާޓީގެ ލީޑާޝިޕް ގެއްލި، އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރާނެ ކަމަށްވެސް ގަވައިދުގައިވަނީ ބަޔާންކޮށްފައެވެ

އީސީ އިން ޕީއެންސީ އާއި ގުޅޭ މައްސަލަ ބަލަމުންދާއިރު ޕީއެންސީ އިން އަންނަނީ މިރޭ އެ ޕާޓީގެ ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ