English Edition
Dhivehi Edition
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ: /ސަން ފޮޓޯ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ރައްޔިތުންގެ މަޖިލީހަށް ވަންނާނީ ޕާޓީ ރަޖިސްޓްރީ ކޮށްގެން ޤާނޫނީ ހައިސިއްޔަތާއި އެކުގައިކަމަށް އެޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް އިސްނެންގެވީ ރައީސް ޔާމީން ކަމަށާއި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ އެމަނިކުފާނުގެ އެއްބާރުލުމާއި އެހީތެރިކަމާއި އަދި ލަފާފުޅާއެކު ކަމަށެވެ. އެގޮތުން ޕީއެންސީ މަސައްކަތް ކުރާނީ ޕީޕީއެމް އާއި އެކުގައި ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންކަން ކުރިޔަށްދާނީ ދެ ޕާޓީ ގުޅިގެން އެއް ޕާޓީއެއްގެ ގޮތުގައިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް ގުޅިގެން ގިނަ ގޮނޑިތަކެއް ކާމިޔާބުކުރާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންކަމާއެކު ދެން މަސައްކަތްކުރާނީ ދެން އަންނަ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމުގެ މަސައްކަތްކަމަށެވެ.

ކޮންގްރެސް ޕާޓީ އުފައްދަން ޖެހުނީ ޕީޕީއެމްގެ މިލްކުވެރި ފަރާތް ނޭންގި ދިގުލައިދާތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ އާ ޕްލެޓް ފޯމެއް ހޯދުމަށް މަޖުބޫރު ވެގެންކަމަށް އަދުރޭ ވިދާޅުވިއެވެ.

“ޕީޕީއެމްގެ މިލްކުވެރިފަރާތަކީ ކޮބައިކަން ނޭނގި ގިނަ ދުވަސްތައް ވުމުން، އަޅުގަނޑުމެންނަށް މަޖުބޫރުވީ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ އާ ސިޔާސީ ޕްލެޓްފޯމެއް ހޯދަން. އެކަން ކުރެވެން އޮތީ، ޕާޓީއެއް އުފައްދައިގެން ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގެންނެވި ހިނދު، އެމަނިކުފާނުގެ ލަފާފުޅާ އެކު އަޅުގަނޑުމެން އިސްނެގީ އެ މަސައްކަތަށް،” ދާދި ފަހަކާ ޖެހެންދެން ޕީޕީއެމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި އަދުރޭ ވިދާޅުވި އެވެ.

“މި ޕާޓީއަކީ ހުދު ރައީސް ޔާމީންގެ ޕާޓީއެއް. މި ޕާޓީ އުފެއްދެވުމުގެ ހުރިހާ ވިސްނުންފުޅަކާއި ހުރިހާ ޚިޔާލު ފުޅެއް އަޅުގަނޑުމެންނާ ހަމައަށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތު. ” ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިފަހައްޓައި އިސްލާމްދީން ހިމާޔަތްކުރުމަށްކަމަށެވެ. އަދި ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް ގުޅުމުން އެއީ ދިވެހި ޤައުމު ސަލާމަތްކުރާނެ ލަޝްކަރު އުފެދުނީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަވާނީ ރައީސް ޔާމީންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.