English Edition
Dhivehi Edition

މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ހީނާ ވަލީދު ވާދަ ކުރުމަށް ނިންމައިފިއެވެ.

ހީނާ މަޖިލިހުގެ ގޮނޑިއަކަށް ވާދަ ކުރުމަށް ނިންމާފައިވަނީ ޕީއެންސީގެ ޓިކެޓްގައި ރައީސް ޔާމީންގެ ތާޢީދާއި އެކުގައެވެ.

މިހާރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހުމަދު ފާރިސް މައުމޫން ވަނީ އެ ދާއިރާއަށް ދެން ކުރިމަތިނުލައްވަން ނިންމަވާފަ އެވެ. އެ ދާއިރާއަށް މިފަހަރު ދެން ވާދަ ކުރައްވަނީ ރައީސް މަޢުމޫން ތާޢީދާއިއެކު، ކުރިން ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ނާޒިމެވެ.

ހީނާ ވަލީދު ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގައި ވެސް ސިޔާސީ ނޫސްވެރިއެއްގެ ގޮތުން މަގުބޫލުކަން ހޯދި ހީނާ ވަލީދު މަސައްކަތް ކުރައްވާފައިވެ އެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ކެންޕެއިން ކުރުމުގައިވެސް ހީނާވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހީނާގެ އިތުރުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެހެން ބައެއް ނޫސްވެރިންވެސް ވާދަ ކުރެ އެވެ. އެގޮތުން ވެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ޓީވީއެމްގައި ކުރިން މަސައްކަތް ކުރި އައިޝަތު ލީޒާ ވާދަކުރަން ވަނީ ނިންމާފަ އެވެ. ޕީއެންސީ ޓިކެޓްގައި ޗެނަލް13 ގައި މަސައްކަތް ކުރި ނޫސްވެރިޔާ ލަޔާލް މަނިކު ވެސް ވާދަކުރެ އެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ގަމު ދާއިރާއަށް ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް އިންތިހާބަށް ނުކުމެ އެވެ.