English Edition
Dhivehi Edition

ޕީޕީއެމްއާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ރަސްމީކޮށް ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

“މި ދެ ޕާޓީން ވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލުތަކެއް ދަމަހައްޓަން. ގައުމިއްޔަތާއި ދީން އަދި ރައްޔިތުންނަށް މުހިންމުވާ ކަންތައްތައް ދަމަހައްޓަން. ދެޕާޓީގެ ފިކުރަކީ ވެސް ތަރައްގީގެ ފިކުރު. އަދި ގައުމިއްޔަތުގެ މުހިންމު ބާހާތައް ރައްކާތެރިކުރުމަށް މަސައްކަތް،” ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއަކީ ދެ ނަމެއްގައި މަސައްކަތް ކުރާ ދެ ޕާޓީކަމުގައި ވީނަމަވެސް ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އަކީ ސިޔާސީ ގޮތުން “އެއް ޕްލެޓް ފޯމް”އެއްގައި މަސައްކަތްކުރާނެ ދެ ޕާޓީ ކަމަށެވެ.

ކޯލިޝަންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަންގެ ތެރެއިން ޓިކެޓް ދޭ 10 ބޭފުޅަކާއި ވާދަކުރައްވާ ދާއިރާތައް ހާމަކޮށްފައެެވެ. މީގެކުރިން ވަނީ 53 ދާއިރާއަކުން ޓިކެޓް ދޭނެ މެމްބަރުންގެ ނަންތައް އިއުލާންކޮށްފައެވެ. ޖުމްލަ 63 ދާއިރާއަކުން ވާދަކުރާނެ މެމްބަރުންނަށް މިހާރު ޓިކެޓް ދީފައިވާއިރު ދެން ބާކީ ހުރި ދާއިރާތަކުގެ ތެރެއިން ޕްރައިމަރީ ބާއްވާނެ ދާއިރާތައް މާދަމާ އިއުލާނުކުރާނެ އަބްދުއްރަހީމް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ކޯލިޝަންގެ ތެރެއިން މިހާރު ކޮމެޓީއެއް އެކުލަވާލާފައި ވާކަމަށާއި ކޮމެޓީން ޕްރައިމަރީ ބާއްވާނެ ދާއިރާތަކާއި ބާއްވާނެ ތާރީޚެއްހޮނިހިރު ދުވަހު އިއުލާނު ކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.