ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ޕީއެންސީ އަދި ޕީޕީއެމުން ހަދާފައިވާ ކޯލިޝަނުން މަތިވެރި ދާއިރާއަށް ވާދަކުރުމަށް ޗެނެލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކަށް ދިން ޕީޕީއެމްގެ ޓިކެޓް އަތުލައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބައެއް ދާއިރާތަކަށް ނެރުނު ކެންޑިޑޭޓުންގެ ޓިކެޓް އަތުލާފައިވަނީ ، އެ ދާއިރާތަކަށް ނިކުންނަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
ޕީޕީއެމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލަޔާލް އަށް ޓިކެޓް ދީފައިވާއިރު ލަޔާލް ވަނީ މަތިވެރި ދާއިރާއަށް ގޮސް ކެމްޕެއިންވެސް ކޮށްފަ އެވެ. މިކަމާ ގުޅިގެން ލަޔާލް ރޭ ކުރި ޓްވީޓެއްގައި ވަނީ މަތިވެރި ދާއިރާގައި ދިރިއުޅޭ އާއްމު ރައްޔިތުންނާއި ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވާ ރައްޔިޔުން އޭނާއަށް ދެއްވި އެއްބާރުލުމާއި ލޯތްބަށް ޝުކުރު ދަންނަވާފައެވެ. “އަބަދުވެސް ތި ދާއިރާއަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން.” ލަޔާލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް، ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލީހަށް ކުރިމަތިލާން ކެމްޕޭން ކުރަމުން އަންނަ އިތުރު ބޭފުޅުންގެ ޓިކެޓްވެސް ވަނީ އަތުލާފަ އެވެ. އެ ބޭފުޅުންނަކީ ވިލިނގިލީ ދާއިރާ އަށް ވާދަކުރައްވާ ޝަހީބް އިބްރާހިމް، ގެމަނަފުށީ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މަޖިލީހުގެ މެމްބަރު ޖަމީލް އުސްމާނުގެ ޓިކެޓުގެ އިތުރުން މަތިވެރި ދާއިރާ އަށް ވާދަކުރައްވާ ލަޔާލް ގެ ޓިކެޓެވެ. މީގެ އިތުރުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުއަށް ދިން ޓިކެޓް އަދި ހަނިމާދޫ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދިން ޓިކެޓް އަތުލަން ނިންމާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމުން ވާދަކުރަން މިހާތަނަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުންގެ ތެރެއިން 25 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.