English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހަށް މިހާރު ބަލައިގަނެ ކޮމިޓީ މަރުހަލާގައި އޮތް އިސްލާހު ފާސްވުމާ އެކު، ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބަލިވާ ކެންޑިޑޭޓުންނަށްވެސް ންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ

މިއަދު ލަތީފް ވިދާޅުވީ ޕާޓީގެ ޕްރައިމަރީގައި ބަލިވުމުން އެއްވެސް ބޭފުޅަކު ކަންބޮޑުވާން ނުޖެހޭކަމަށެވެ. “ސިޔާސީ ޕާޓީގެ ޤާނޫނަށް އަޅުގަނޑުމެން ހުށަހަޅާފައިވާ އިސްލާހް ފާސްވުމުން އިންތިހާބުގައި ވާދަކުރެވޭނެ” ލަތީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ. މީގެ އިތުރުން ލަތީފް ވިދާޅުވީ އެ އިސްލާހް ފާސްކުރުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ

ލަތީފް މިހެން ވިދާޅުވީ، އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނަށް ނާކާމިޔާބީއާ ކުރިމަތިވެފައި ވަނިކޮށެވެ

ޕީޕީއެމް އިން ތާއިދުކޮށް 23 ނޮވެމްބަރު 2016 ގައިސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް މަޖިލީހުންވަނީ ފާސްކޮށްފައެވެ އެ އިސްލާހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ޑިސެމްބަރު 6، 2016 ގަ އެވެ.