ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅި އިސްލާހާ މެދު ރައްޔިތުންގެ ލަފާ ހޯދުމަށް މިއަދު ނެގި ވޯޓުގައި، ބައިވެރިވި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެކަމާ ދެކޮޅަށް ނިންމައިފިއެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ވޯޓުލީ މީހުންގެ 70 އިންސައްތަ މީހުން ބުނެފައިވަނީ އެ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.
މި ހިޔާލު ހޯދުމުގެ ވޯޓަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ބޭއްވި ވޯޓެކެވެ. ރައްޔިތުންގެ މި ނިންމުމާއެކު، އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް މިވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުން ވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތަކާއި، ސިޓީ ކައުންސިލްތަކުގެ އަގުލަބިއްޔަތު ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މިއީ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ސިފަކުރައްވައެވެ.