English Edition
Dhivehi Edition

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.

މިއަދު ހެނދުނު ވޯޓު ކަރުދާސްތަކާއެކު އަތޮޅުތަކަށްދާ ފުލުހުން މާލެއިން ފުރަން ފަށާފައިވާއިރު، މިއަދު ފުރާފައިވަނީ ހއ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކަށްދާ ފުލުހުންނެވެ. ފުލުހުންގެ މީޑިއާއިން ބުނީ އެހެން އަތޮޅުތަކަށް ދާ ފުލުހުން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ގޮސް ނިމޭނެކަމަށެވެ.

އަތޮޅުތަކަށް ފުލުހުން ފުރަން ފަށާފައިވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުއެވެ. އަދި ފުލުހުން ގާއިމްވެ ތިބި ރަށްރަށުގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޝަނެއްގައި ގާއިމްކޮށްފައިވާއިރު އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މި ގޮތުން އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުންވެސް ކަނޑައަޅާފައިވާއިރު އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ.