ބަރުލަމާނީ ނިޒާމަކަށް ދިޔުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ގެއްލުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި އެ ޕާޓީއަށް ށ. އަތޮޅާއި ދ. އަތޮޅަށް ނިސްބަތްވާ މެމްބަރުންތަކެއް ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވަކި ބަޔަކު ވާހަކަ ދައްކަނީ އެ ބަޔަކަށް ފައިދާ އަކަށް ކަމަށެވެ.އަދި އެ ނިޒާމުގައި ފެނިގެން ދާނީ ދެ ފަހަރަކުން އެއްފަހަރު ސަރުކާރު ވައްޓާލާ މަންޒަރު ކަމަށާއި އެ ނިޒާމުގައި ރައީސްގެ މަގާމަކީ ބާރެއް ނެތް ނަމަކަށް އޮންނަ މަގާމެއް ކަމަށެވެ
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކާފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ދިވެހީންނަށް އެންމެ ފައިދާ ވާނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމުން ކަމަށެވެ
ރައީސް ނަޝީދުގެ މި ވާހަކަތަކައް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވިސްނުން ހުރި ބަޔަކަށް ރައްޔިތުން މަޖިލީހުގެ ސުޕާ މެޖޯރިޓީ ނުވަތަ މެޖޯރިޓީ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާކަމަށެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ރާއްޖޭގެ މަޒީގައި ބަރުލަނީ ނިޒާމްގެ ހިތި ތަޖުރިބާ ހަދާން އެބަ ހުރި ކަމަށާއި އެ ހިތި ތަޖުރިބާ އަލުން ތަކުރާރުވުމަށް ނޭދޭ ކަމަށެވެ