English Edition
Dhivehi Edition
ނަޖާ،
އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ނައިބު ރައީސާ ނަޖާ ވަހީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ނަޖާ ވިދާޅުވީ އިސްތިއުފާ ދީފައިވަނީ ކޮމިޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބޭނެކަން ޔަގީންވުމާ ގުޅިގެން ކަމަށެވެ. އިތުރަށް ނަޖާ ވިދާޅުވީ ޑަބްލިއުޑީސީގެ މެޖޯރިޓީއަކީ އެމްޑީޕީ މެންބަރުންކަމަށާއި، އޭނާ އެކަނި ޕީއެންސީގެ މެންބަރަކަށް އިނުމުންވެސް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވާ ކަމަށެވެ.
ހުޅުދޫ ޑަބްލިއުޑީސީ ވަރަށް ބޮޑަށް ސިޔާސީވެފައިވާކަން ފާހަގަކޮށް ނަޖާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އޭނާއަށް ވަރަށް ގިނަ ފުރައްސާރަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޑަބްލިއުޑީސީ ތެރޭގައި ޕާޓީގެ އެޖެންޑާތައް ހިންގުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކާއެކު ނަޖާ ވަނީ އަންހެނުންގެ ކުރިއެރުވުމަށް ހޮވާފައިވާ މެންބަރުން އަންހެނަކާ ދޭތެރޭ މިފަދަ ގޮތަކަށް ކަންތައްތައްކޮށް ފަހަތަށް ޖައްސާލުމުން ކަންބޮޑުވުންފާޅުކޮށްފައެވެ.
ނަޖާ ޑަބްލިއުޑީސީން އިސްތިއުފާދީފައިވާއިރު، ޑަބްލިޔުޑީސީގެ މެންބަރު ޝިމްނާ އިސްމާއީލް ވަނީ ނަޖާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި މި މައްސަލަ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައިވެސް ވަނީ ހިމަނާފައެވެ.