ލޯބިވާ މީހަކު ލޮލުގެ ކުރިމަތީގައި މަޑުމަޑުން ހިނގާބިނގާވެއުޅުމާއި، އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދުމުން މަހްރޫމްވަމުންދާތަން ބެލުމަކީ ކޮންމެ މީހަކަށްވެސް ކެތްކުރަން ދަތި، އަދި އެހާމެ ހިތްދަތި މަންޒަރެކެވެ. މިއީ މިއަދު އައްޑޫ ސިޓީ މީދޫ އަބްލަޣީވާދީ، އަހްމަދު ރަޝީދު (އައްމަޓީ) އާއި އޭނާގެ އާއިލާ ކުރިމަތިލަމުންދާ ހިތްދަތި ހަގީގަތެވެ.
އޭނާ އަކީ އާއިލާއެއްގެ މައި ތަނބެވެ. 18 އަހަރުން މަތީގެ އަންހެންކުއްޖަކާ، 10 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 5 އަހަރާއި 7 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައެކެވެ. މުޅި އާއިލާގެ ޒިންމާތައް އަދާކުރަމުން ދިޔަ ހީވާގި ފިރިއެކެވެ. އެހެންނަމަވެސް މިއަދު އޭނާގެ ދިރިއުޅުމުގެ ހާލަތުވަނީ އެއްކޮށް ބަދަލުވެފައެވެ. އައްމަޓީއަކީ މިއަދު ނާރުގެ ނުރައްކާތެރި އަދި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ (އެމިޔޯޓްރޯފިކް ލޭޓަރަލް ސްކްލްރޯސިސް – އޭ.އެލް.އެސް) ގެ ވޭން ތަޙަމައްލު ކުރަމުންދާ ފަރާތެކެވެ.
2023 ވަނަ އަހަރު ފައިގެ ބާރުދެރަވެ، ހިނގާބިނގާވެއުޅުމަށް ދަތިވުމާއެކު ފެށުނު މި ހިތްދަތި ދަތުރުގައި، އައްމަޓީގެ ހާލަތު ވަނީ ދުވަހުން ދުވަހަށް ބަދަލުވެ ދަށަށް ދާން ފަށާފައެވެ. 2025 ވަނަ އަހަރު އިންޑިއާއިން ހެދި ޚާއްސަ ނިއުރޮލޮޖިކަލް ޓެސްޓުތަކުންނާއި އީ.އެމް.ޖީ ތަހުލީލުތަކުން އޭނާއަށް ޖެހިފައިވަނީ އޭ.އެލް.އެސް ކަން ވަނީ ކަށަވަރުވެފައެވެ.

މިއަދު އައްމަޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނައެވެ. ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު ދެރަވެ، އަމިއްލައަށް ތެދުވެ އަމިއްލައަށް ހެލިފެލިވެ އުޅުމަކީ މިހާރު އޭނާއަށް ކުރެވޭ ކަމެއް ނޫނެވެ. ކޮންމެ ކަމަކަށް މީހެއްގެ އެހީތެރިކަން ބޭނުންވެއެވެ. އޭނާގެ ހަށިގަނޑުގެ ނާރުތަކަށް ލިބެމުން ގެއްލުމުގެ ސަބަބުން މިހާރު ވާހަކަދެއްކުމަށްވެސް ދައްޗެވެ. އާންމު ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރުމުގެ ބާރު މިއަދު އައްމަޓީގެ ހަށިގަނޑުގައެއް ނެތެވެ.
އޭ.އެލް.އެސް އަކީ ކޮބާ؟ މިއީ ސިކުނޑިއާއި މައިބަދައިގައި ހުންނަ، މަސްތައް ކޮންޓްރޯލްކުރާ ނާރުތައް ހަލާކުކޮށްލާ ބައްޔެކެވެ.މި ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް، ތެރަޕީގެ އެކި ފަރުވާތަކުން ބަލީގެ ދުވެލި މަޑުޖައްސާލައި، ދިރިއުޅުމުގެ ފެންވަރު އެއް މިންވަރެއްގައި ހިފެހެއްޓިދާނެއެވެ.
މި ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް، އައްމަޓީގެ ހަށިގަނޑު އިތުރަށް ތަކުލީފެއް ނުލިބި ހިފެހެއްޓުމަށާއި، ވޭން ކުޑަކުރުމަށްޓަކައި މެދުކެނޑުމެއްނެތް ފަރުވާ ބޭނުންވެއެވެ. އިންޑިއާ އަދި ރާއްޖޭގެ ޚާއްސަ ޑޮކްޓަރުން ލަފާދެއްވާފައިވަނީ ދިގުމުއްދަތަކަށް ދޭންޖެހޭ ފަރުވާތަކަށެވެ. އެގޮތުން މަސްތަކުގެ ބާރު ހިފެހެއްޓުމަށް އިންޓެންސިވް ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ދޭން ޖެހެއެވެ. ވާހަކަދެއްކުމާއި ރައްކާތެރިކަމާއެކު ކާބޯތަކެތި ދިރުވުމަށް އެހީވުމަށް ސްޕީޗް އެންޑް ސްވެލޮވިންގ މެނޭޖްމަންޓް ދޭންޖެހެއެވެ. އޭނާއަށް ފަސޭހައިން އުޅެވޭނެ ފަދަ ވަސީލަތްތައް ގާއިމްކުރުމަށް އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންވެއެވެ.

ޑޮކްޓަރުން ލަފާދެއްވާފައިވަނީ މެދުކެނޑުމެއްނެތް ރިހެބިލިޓޭޝަން، ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީގެ އިތުރުން ޚާއްސަ އެސިސްޓިވް އިކުއިޕްމަންޓް (އެހީތެރިދޭ ވަސީލަތްތައް) ބޭނުންކޮށްގެން ދިގުމުއްދަތަކަށް ފަރުވާ ދިނުމަށް ކަމުގައި ވީ ނަމަވެސް މި ފަރުވާތަކާއި ރިހެބިލިޓޭޝަނަށް ހިނގާ ޚަރަދުތައް އިންތިހާއަށް ބޮޑެވެ. އަމިއްލައަށް މި ޚަރަދުތައް ބެލެހެއްޓުމުގެ މާލީ ތަނަވަސްކަން މިއަދު އޭނާ އާއި އާއިލާގެ ވެސް ނެތެވެ.
ރާއްޖެއިން 1 ގަޑިއިރަށް ފިޒިއޮތެރަޕީ ހެދުމަށް އާސަންދަ ލިބުނު ނަމަވެސް، މި ބަލީގެ ސަބަބުން މިވަގުތަކަށް ދުވާލަކު މަދުވެގެން 6 ނޫނީ 7 ގަޑިއިރު އެކި ބާވަތުގެ ތެރަޕީއަށް ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާ ގިނަ ވަގުތު ތެރަޕީއަށް ހުސްކުރެވޭނޭ ވަޞީލަތެއް ނެތުމުން އެކަށީގެންވާ ފަރުވާއަށް އިންޑިއާއަށް ދިއުން ނޫން ގޮތެއް ނެތެވެ. މިކަމަށް އާސަންދަ ނުލިބި އެ އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބުނު ނަމަވެސް އަލުން އައްމަޓީ އަމިއްލަ ފައިމައްޗަށް ތެދުވާން އާއިލާއިން ބޭނުންވެއެވެ. އޭނާގެ ގައިގައި އަޅާ ވޭންތައް ބެލުމަށް އާއިލާއަށް ކެތްނުކުރެވެއެވެ.


އެހެންކަމުން އެންމެ ފަހުން އައްމަޓީ ގޮވައިގެން އޭނާގެ އަނބިމީހާ އިންޑިއާއަށް ފުރީ އެހެން ގޮތެއް ނެތުމުންނެވެ. މިއަހަރު އޮގަސްޓްމަހުގެ ނިޔަލަށް އައްމަޓީއަށް އިންޑިއާގައި ފަރުވާ ދޭން އެކިފަރާތްތަކުގެ ދީލަތި އެހީއާއިވެސް އެކު ހަމަޖައްސައި ފުރައިގެން ދިޔައިރު މިފަދަ ދިގުމުއްދަތުގެ ބޮޑު ފަރުވާއަކަށް ހިނގާނެ ޚަރަދެއް ވަޒަންކުރެވި މުޅިއަކުން ތައްޔާރުވެވިފައެއް ނެތެވެ. ޚާއްސަކޮށް ކޮންމެ ދުވަހަކު އެކި ބާވަތުގެ ތެރަޕީ ސެޝަން ނެގުމާއި ޒަރޫރީ ބޭނުންތަކަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ވުމާއިއެކު މިއީ މި ވަގުތު އެ އާއިލާއަކަށް އެކަނި އުފުލޭނެ މާލީ ބުރައަކަށް ނުވެއެވެ.
އައްމަޓީ އަލުން ހިނިތުންވުމަކާއެކު އުޅޭތަން ބަލަން އެ އާއިލާއިން ބޭނުންވެއެވެ. އެކަމަށް ދުޢާކޮށް މަސައްކަތްކުރެވެއެވެ. މި މަސައްކަތުގައި ދިވެހި ދީލަތި އަޚުންނާއި އުޚްތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. ތިޔަބޭފުޅުން ވެދެއްވާ ކުޑަކުޑަ އެހީއަކީވެސް އައްމަޓީގެ ވޭން ކުޑަކޮށް، އޭނާގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ލިބޭނެ ބޮޑު ބާރެކެވެ. ދީލަތިކަމުގެ އަތްތައް އައްމަޓީއަށް ދިއްކޮށްލަމާ ހިންގަވާށެވެ. ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ހެޔޮ ދުޢާ އާއި އެހީތެރިކަމާއެކު އައްމަޓީއަށް މި އުނދަގޫ ދަތުރު ކާމިޔާބު ކުރެވޭނެއެވެ.
ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ އެކައުންޓް ނަންބަރުތަކާއި، ގުޅޭނެ ފޯނު ނަންބަރުތައް: