ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗުގައި ފްރާންސްގެ ރެފްރީ ފްރެންސިއޯސް ލެޓެކްސިއޭ ހަދާފައިވާ ގޯސްތަކަކާ ގުޅިގެން، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން, ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށް ވެފައި ވަނިކޮށް، ދެ ލަނޑުގެ ކުރިއެރުމަކާއެކު މެޗު ކާމިޔާބު ކުރަން މިސްރު އޮތީ ވަރަށް ގާތުގައެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅުގައި އާޖެންޓީނާއިން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިޖެހިގެން ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުންނާއި ސަޕޯޓަރުން ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، އެމީހުން ފާހަގަކުރި މައިގަނޑު މައްސަލަތަކަކީ ދެވަނަ ހާފުގައި އާޖެންޓީނާގެ ޕެނެލްޓީ އޭރިޔާ ތެރެއިން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ވައްޓާލުމުން ޕެނަލްޓީއެއް ދީފައިނުވުމާ އަދި އެއީ ފައުލެއްތޯ ބެލުމަށް ރެފްރީ ވީއޭއާރު ގެ އެހީ ހޯދާފައި ނުވުމެވެ.
މީގެ އިތުރުން މެޗުގެ ފުރަތަމަ ހާފުގައި މިސްރުގެ މުސްތަފާ ޒިކޯ ޖެހި ލަނޑު، ވީއޭއާރު ބެލުމަށްފަހު ރެފްރީ ގަބޫލެއް ނުކުރިއެވެ. ރެފްރީ ނިންމީ އެ ގޯލުގެ ކުރިން މިސްރުގެ މަރުވާން އަދިޔާ، އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒްއަށް ފައުލްކުރި ކަމަށެވެ. މި މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އާޖެންޓީނާއިން މެޗުން މޮޅުވި ލަނޑު ޖެހީ، ސަލާހު ވައްޓާލުމަށްފަހު ލިބުނު ބޯޅައެއްގައި އުފެއްދި ކައުންޓާ އެޓޭކެއްގައެވެ. މި ފަހަރުވެސް ރެފްރީ ވީއޭއާރު ބަލާފައެއް ނުވެއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ ރެފްރީގެ ނިންމުންތަކާ މެދު އޭނާގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.
“އަހަރެމެންނަށް ދިމާވީ އިންސާފުވެރި ގޮތެއް ނޫން. އަހަރެމެންނަށް ޕެނަލްޓީއެއް ލިބެންޖެހޭ، ގޯލެއް ގަބޫލެއް ނުކުރި. އެ ގޯލު ގަބޫލު ނުކުރީ ކީއްވެގެން ކަމެއްވެސް ނޭނގެ. އަހަރެން އެނބުރާ ގައުމަށް ދާނީ، މި މުބާރާތުގެ އިތުރު އެއްވެސް މެޗެއް ދެން ނުބަލާނަން،” ކޯޗު ބުންޏެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާއަށް ހުށަހެޅި މައްސަލާގައި، ލެޓެކްސިއޭ އާއި އޭނާގެ ރެފްރީންގެ ޓީމުން އާޖެންޓީނާ މޮޅުކޮށްދިނުމަށް ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މި މުބާރާތުގައި ބާކީ ހުރި އެއްވެސް މެޗެއް އިންސާފުކުރުމުގެ ފުރުސަތު އެ ރެފްރީއަށް ނުދިނުމަށްވެސް މިސްރުން ވަނީ ފީފާގައި އެދިފައެވެ.