English Edition
Dhivehi Edition
ފޮޓޯ: ޙުސައިން ..

ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ މީހުންނާއި ދީނަށް ފުރައްސާރަކުރާމީހުން ހޯދާ އެކަން ހުއްޓުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ފޮރުވިގެން ތިބެ، ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދީ، މީހުންގެ މުދަލާއި ފުރާނައަށް ޝަރުއީ ހަމަތަކުން ބޭރުން ގެއްލުންދޭނެ ކަމުގެ އިންޒާރުދެމުން ގެންދާކަމަށެވެ. އަދި އިސްލާމްދީން އެކަންކަމުން ބަރީއަވެގެންވާ ކަންކަން ކުރާ ފަރާތްތައް ހޯދައި، ކަމާ ބެހޭ މުވައްސަސާތައް ގުޅިގެން އެކަން ހުއްޓުވަން މިނިސްޓްރީން މަސައްކަތްކުރާނެކަމުގައެވެ

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ވަނީ ޝަރުއީ މައްސަލަތަކުގައި، އެކަންތައްތައް އޮންނަ ގޮތް ރަނގަޅަށް ނޭނގި ތިބެ، މީހުންނަށް އޮޅުން އަރާ ގޮތަށް ބަހުސް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދީނީ މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީން މައުލޫމާތު ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށްވެސް މި ބަޔާނުގައިވަނީ ބުނެފައެވެ

އިސްލާމިކް މިނިސްޓްރީން މި ފަދަ ބަޔާނެއް ނެރެފައިވާއިރު މިހާރު ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ދިވެހިން ދަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކަމުންނެވެ.