English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުސަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ “ރައީސްގެ ޖަވާބު”ގައި ރައީސް ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސް އިނާޔަތެއް ދެއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ރައްޔިތުންނަށް ބައްސަވާފައިވާ ކަމަށެވެ. އަދި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިހުރިހާ ކަމަކަށް ބަލާއިރު މިއަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަސްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މިފުރުސަތުގެ ބޭނުންހިފައި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.