English Edition
Dhivehi Edition

ކޮންމެ އިންސާނަކީވެސް އެހެންމީހުންގެ ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވާ އިންސާނެކެވެ. މި އަޅާލުމާއި ލޯތްބާ އިހްތިރާމް ބޭނުންވުމުގައި ކުޑަކުއްޖަކު، ބޮޑު މީހަކު އަދި މުސްކުޅިއަކު ކަމުގައި ވިޔަސް ތަފާތެއް ނެތެވެ. ދިވެހިންނަކީ ޒަމާނުއްސުރެ މި ރީތި ނަމޫނާ ދެއްކުމުގައި އެންމެ ކުރީ ސަފުގައި ތިބި މީހުންނެވެ.

އެހެންނަމަވެސް ޒަމާން ބަދަލުވެ ދިވެހިންގެ މިރީތި ނަމޫނާ މިވަނީ މުޅިން ބަދަލުވެފައެވެ. އުމުރުން ދުވަސްވީ މީހުންނާއި މެދު ގިނަ ދިވެހިންނަށް މި ވަނީ ފަރުވާ ކުޑަކޮށްލެވި އިހުމާލުވެފައެވެ. އެމީހުންގެ ފަރާތުން ތިމާއަށް މާ ބޮޑު މަންފާ އެއް ނުވަތަ ފައިދާއެއް ނުވާނެކަމަށް ދެކި އެމީހުން ބެލުން މިވަނީ ބުރައަކަށްވެފައެވެ.އެމީހުންނާއި ދޭތެރޭ ކަންތައް ކުރެވޭ އިހާނެތި ގޮތުން އެމީހުންގެ ހިތުގައި އަޅާނެވޭނާ މެދުގައި ވިސްނާލާ މީހުން ވަރަށްވެސް މެދެވެ. ތިމާ ކުޑަކުއްޖެއްގެ ގޮތުގައިވީ ދުވަހު އެއްވެސް ޝަކުވާއެއް ނެތި ބަލާ ބޮޑު ކުރި މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުން ބެލުން ގިނަ ދަރިންނަށް މި ވަނީ ބޮޑު ބުރައަކަށްވެފައެވެ. އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވޭ އިހާނެތި ގޮތާއި މެދު ރޮއި ހިތާމަކުރާ މީހުން މިހާރު ވަރަށް ވެސް މަދެވެ.

އުމުރުން ދުވަސްވުމަކީ ތިމާގެ ގައި ބާރުދެރަވެ އެހެންމީހުންގެ އެހީއާ އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވާކަމަކަށްވީ ހިދު މި ޤައުމުގެ އެތައް ހާސް އުމުރުން ދުވަސްވީ މީހުންނެއް މިވަނީ ވަރަށްވެސް ނިކަމެތި ހާލުގައެވެ. އެމީހުންނަށް ވަނީ އެމީހުންގެ އަހުލުވެރިންގެ ފަރާތުން އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައެވެ.އާއިލާ އާއި ތިމާގެ މީހުންގެ ލޯތްބާ އަޅާލުން އެންމެ ބޭނުންވީ ދުވަހު އެމީހުންގެ އުފަން ފަސްގަނޑާ ގެދޮރު ދޫކޮށް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުތަކުގައި ހިތްދަތިކަމާއެކު އުޅެމުންދާ މީހުންގެ ނިސްބަތް މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.އެމީހުންގެ އާރެއް ބާރެއް ނެތް ދުވަހު ލޯބިވާ އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ސަބަބުން އެމީހުންވަނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާ ލިބި ބޭކާރު ބަޔަކަށްވެފައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުންދާ ހާއްސަ އިނާޔަތްވެސް ވެގެންދިޔައީ ގިނަ މީހުންނަށް ލިބުނު ހިތްދަތިކަމަކަށެވެ. ސަރުކާރުންދޭ އިނާޔަތުގެ ބޭނުމުގައި އާއިލާއިން ‘ނަމެއްގައި’ އެމީހުން ބަލަމުންދާއިރު އެ އިނާޔަތުން އެމީހުންނަށް ކުރާ މާ ބޮޑު ފައިދާއެއް ނެތެވެ.އެމީހުންނަށް ލިބޭ އިނާޔަތުން އެމީހުން ބެލުން ބުރައަކަށްވެ ‘ބާކީ’ ކޮށްފައިވާ އާއިލާގެ މީހުން ހިތްހަމަޖެހުން ހޯދަމުންދާއިރު އެމީހުންނަށް އެކަމާއި ދެކޮޅަށް ކުރެވޭނެ މާ ބޮޑު ކަމެއްވެސް ނެތެވެ.

އުމުރުން ދުވަސްވީ މީހުންނަށް އިހްތިރާމްކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައިވާ ކަމަކެވެ. ކީރިތި رسول الله صلى الله عليه وسلم حديث ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. ”އަހަރެމެންގެ ކުޑަ ކުދިންނަށް އޯގާވެރިނުވާ އަދި ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.“ ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލުﷲ ޙަދީސްކުރެއްވި އެވެ “މުނާފިޤަކު ފިޔަވައި އެހެން މީހަކު ނިކަމެތިކޮށް ނުހިތާނެ ތިން މީހަކުވެ އެވެ. އެއީ އިސްލާމްވެ އިސްލާމްކަންމަތީ މުސްކުޅިވެފައިވާ މީހާ އާއި ޢިލްމުވެރިޔާ އާއި ޢަދުލުވެރި އިމާމެވެ. ” އެހެންކަމުން މި ދެ ހަދީސަށް އެކަނި ބަލާލުމުންވެސް އިސްލާމްދީންގައި އުމުރުން ދުވަސް މީހުންނަށް ލިބިގެންވާ ގަދަރާއި އެމީހުންނަށް އިހާނެތިކޮށް ހިތުމުގެ ނުބައިކަން ސާފުކޮށް އެގިގެން ދެއެވެ.

އުމުރުން ދުވަސްވީ މީހުންނާއި މެދު ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދާއިރު މާދަމާ ތިމާވެސް މުސްކުޅިވެ އެހެންމީހުންގެ ލޯތްބާއި އަޅާލުން ބޭނުންވާނެކަން ވިސްނާލަންޖެހެއެވެ. މާދަމާ ތިމާއަށްވެސް އެފަދަ ހާލެއްޖެހިދާނެކަން ދަނެ އެމީހުންގެ އިހްސާސްތަކަށް މިއަދު ގަދަރުކުރަންޖެހެއެވެ. އެމީހުން މަރުވުމުން ރޮއެ ހިތާމަކުރުމުގެ ބަދަލުގައި އެމީހުން ދުނިޔޭގައި ތިބި ދުވަހު ލޯތްބާ އަޅާލުންދޭން ޖެހެއެވެ. މިއަދު ކިތަންމެ މުސްކުޅިވެ ގައިބާރު ދެރަވިކަމުގައިޔަސް އެމީހުންވެސް އެ ހިސާބަށް ދިޔައީ އެތައް ކަމެއް ގިރާކޮށްފައިކަން ދަންނަންޖެހެއެވެ.

މީހަކަށް އެހީވެ އަޅާލާންވީ ދުނިޔެމަތީގައި އެކަމުން ލިބޭނެ ފައިދާއަކަށް ވިސްނައިގެނެއް ނޫނެވެ. އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަކީ ‘ކޮންމެ އިހުމާލަކީވެސް އަނިޔާ’އެއް ކަމެވެ.