English Edition
Dhivehi Edition
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން މިދިޔަ އަހަރު ފޭދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން

ބައިނަލް އަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން އައްޑޫސިޓީގައި ކުރިއަށް ގެންދާ “ހަންހާރަ ހަވީރި” މިއަދު ހަވީރު ފޭދޫ ހިއްކި ބިމުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފަރާތުން އިސްނަގައިގެން އައްޑޫގެ އެކިއަވަށްތަކުގެ މީހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ފޭދޫ ފަތާޓްރެކް ސަރަހައްދު ކުރިމަތިން ހިއްކިބިމުގައެވެ،

އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ހަވީރަކީ ދޮށީއުމުރުގެ މީހުންގެ އަގު ވަޒަން ކުރުމާއި އެފަދަ މީހުންނަށް އުފާވެރި ހިތްހަމަ ޖެހޭ މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ބާއްވާ ހަވީރެކެވެ.

އެގޮތުން ހަންހާރަ ހަވީރި” ގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންގެ މެޑިކަލް ޗެކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޭދޫ އެއިމްސް ކްލިނިކުންނެވެ. އަދި މި ހަވީރުގައި ބައިވެރިވާ ފަރާތްތަކަށް ސިއްހީ އިރުޝާދު ދިނުމުގެ މަސައްކަތް މަރަދޫ ހެލްތް ސެންޓަރ އާއި ގުޅިގެން ކުރިއަށް ގެންދާއިރު ހަވީރުގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންނަށް ސްކީމްގެ ފަރާތުން ހަދިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފޭދޫގެ ބައެއް ވިޔަފާރި ސްޓޯލްތަކުން ލުއިކާނާއާއި ބުއިން އެ ސަރަހައްދުން ލިބޭނެ ގޮތަށް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.

މި ހަވީރު ކުރިއަށް ގެންދިއުމުގައި ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާއިރު ޑަބްލިޔުޑީސީގެ ފޭދޫ މެމްބަރު ޒާހިރާ އާއި އަދި ފޭދޫގެ ގިނަ ރައްޔިތުންގެ އެހީތެރިކަން ވަނީ ލިބިފައެވެ. މީގެ އިތުރުން ފޭދޫ ހެޕީމާކެޓާއި ތްރީ އެސް އަދި ހިތަދޫ ހެޕީޒޯން ފިހާރައާއި އެމްޓީސީސީ އަދި ފޭދޫ އަވަށު އޮފީހުން ވަނީ މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އިވެންޓްގެ ޕްރިންޓިން ޕާޓްނަރ އަކީ ކޮންޓްރޯލްޕީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ. މި އިވެންޓް އޭއޯ ޗެނަލް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ. މި އަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ” 60 + ކައުންޓްސް” އެވެ.

.