އައްޑޫ ސިޓީ ހިތަދޫގެ ކެފޭއްގައި އުމުރުން ދުވަސް މީހަކަށް އަނިޔާކުރި މީހާގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ
އުމުރުންދުވަސްވީ މީހާއަށް އަނިޔާކުރާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ހޮނިހިރުދުވަހުގެ ރޭ މީހަކު ޓުވިޓްކޮށްފައިވާއިރު އެ ވީޑިއޯ އިން ފެންނަނީ ސައިބޯން އުމުރުން ދުވަސްވި މީހާ ހުއްޓާ، މޭޒު ކައިރީ ހުރި މީހަކު އުމުރުން ދުވަސްވީ މީހާ ކޮއްޕައި އަނގައިގައި ހުރި ފެންޖަހާ މަންޒަރެވެ. އަދި އުމުރުން ދުވަސްވީ މީހާ ތެދުވެ ހިގައިގަތުމުން އިތުރު އަނިޔާތައް ކުރާ މަންޒަރުވެސް މި ވީޑިއޯއިން ފެނިގެން ދެއެވެ. މި ހާދިސާ ހިނގިއިރު ކެފޭގެ ތެރޭގައި މީހުންތިބި ނަމަވެސް އެއްވެސް މީހަކު އެމީހާ ހުއްޓުވުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ.
ޓްވިޓާރ އަށް ވީޑިއޯ ލާފައިވާ ފަރާތުން ބުނެފައިވަނީ އެ އުމުރުން ދުވަސްވީ މިހާއަކީ ސިކުނޑީގެވެސް އުނިކަމެއް ހުންނަމީހެއްކަމަށެވެ. އަދި މި މައްސަލަ ވަގުތުން ވަގުތައް ބަލައި ދިނުމަށް އެ ފަރާތުން ގޮވާލާފައިވާއިރު އެ ޓުވިޓްގެ ޖަވާބުގައި ޖަވާބު ދެއްވަމުން ކޮމިޝަނަރ އެމްސީ ހަމީދް ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ މައްސަލަ އައްޑޫ ސިޓީ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ
މިހާރު މި ވީޑިއޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާރކުރަމުންދާއިރު ގިނަ ބަޔަކުދަނީ މި މައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އަދި ބައެއް މީހުންވަނީ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރިއިރު އެ ކެފޭގެ ވެއިޓަރުންނާއި އާންމުން އެކަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާތީ އެމީހުންނާއި މެދުވެސް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ