English Edition
Dhivehi Edition

އައްޑޫ ފްރައިންޑްސް އިން އިންތިޒާމުކޮށްގެން ‘ހިއްމަލާ ފެސްޓިވަލްގެ 2018’ ގެ ނަމުގައި ފެސްޓިވަލް އެއް ބާއްވަން ނިންމައިފިއެވެ

މި މަހުގެ 31ވަނަ ދުވަހު ހަވީރު 16:00 އިން 00:00 އަށް ހިތަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް އަކީ އައްޑޫގެ އެކި އެކި ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލް ބޭއްވުމުގެ މަގްސަދަކީ އައްޑޫ ސިޓީގެ އެއްބައިވަންތަކަން އާލާކޮށް، ޖަމިއްޔާތަކާއި މުއައްސަސާތަކަށް އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް މި ފެސްޓިވަލް އާއި ބެހޭ ގޮތުން މައުލޫމާތު ދެމުން އިންތިޒާމު ކޮމެޓީގެ ފަރާތުން ޝަފްގާ ބުންޏެވެ. މީގެ އިތުރުން ޝަފްޤާ ބުނީ މި ފެސްޓިވަލްއަކީ ޗުއްޓީގައި ރަށުން ބޭރަށް ނުދެވޭ ފަރާތްތަކަށް އާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޯދައި ދިނުމާއެކު އިޖްތިމާއީ ގުޅުން ރަގަޅު ކުރުމަށް ބާއްވާ ފެސްޓިވަލް އެއް ކަމަށެވެ.

މި ފެސްޓިވަލްގައި އެކި އެކު ކުޅިވަރުތަކާއެކު އާއިލީ ހަވީރަކާއި، ގަސް އިންދުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޝަފްގާ ބުންޏެވެ” މި ފެސްޓިވަލްގައި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި ، މަގުމަތީ ބާޒާރު އަދި އޯޑަރު ދިނުމުން ވަގުތުން ކާނާގެ ބާވަތްތައް ތައްޔާރުކޮށް ލިބެން ހުންނާނެ” ޝަފްގާ ބުންޏެވެ.

މީގެ އިތުރުން މި ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް ސްޓޯލްތައް ވިއްކުމަށް ހަމަޖެހިފައިވާއިރު އަމިއްލަ ޖަމިއްޔާތަކަށް ސްޓޯލް ހިލޭ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްއަށް ސްޕޮންސާރ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މި ފެސްޓިވަލް އަކީ ދިވެހިންނާއި ފަތުރުވެރިންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ ފެސްޓިވަލް އެއްކަމަށް ޝަފްގާ ބުންޏެވެ.

މި ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނީ ހުޅުދޫ މީދޫ އިން މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތްވެސް ހަމަޖައްސާނެކަމަށެވެ. އަދި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ބަސް ދަތުރުތައް ހަމަޖައްސާނެކަމަށް ވެސް އެ ފަރާތުންވަނީ ބުނެފައެވެ

މި ފެސްޓިވަލް އާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އައްޑޫ ފްރައިންޑްސްގެ ރައީސް ހުސެއިން ހަބީބް(9661711)އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށް އިންތިޒާމު ކޮމެޓީއިން ވަނީ ބުނެފައެވެ