އައްޑޫ ފްރެންޑްސް އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރެއްގެ އެންމެ ފަހު ދުވަހާ ދިމާކޮށް ބާއްވާ ހިއްމަލާފެސްޓިވަލް މިއަހަރުވެސް އޮންނާނެއެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު އޮންނަ މި ފެސްޓިވަލަށް އައްޑޫ ފްރެންޑްސް އިން ގިނަ ތައްޔާރީތައް ވަމުން އެބަދެއެވެ.
މިއީ އައްޑޫސިޓީގެ ހުރިހާ ޢުމުރުފުރާއަކަށް ބައިވެރި ވެވޭ ގޮތަށް ކުރިއަށް ގެންދެވޭ ކުލަގަދަ އިވެންޓެކެވެ. މި ފެސްޓިވަލްގައި ވާދެމުމާއި އަތްލެވުންފަދަ ތަފާތު މުބާރާތްތަކާއި ޑީޖޭ މިއުޒިކާއި ނެށުމުގެ އިތުރުން އަގުހެޔޮ ބާޒާރެއްވެސް ހިމެނިފައި ވެއެވެ. މީގެ އިތުރުން ކެންޓީން އާއި ބާބެކިއު ފަދަ އެތައް ކަމަކާއެކު މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ފޯރިގަދަ ޙަރަކާތްތަކެއް ރޭވިފައިވާކަމަށް އައްޑޫ ފްރެންޑްސް އިން ބުނެއެވެ.
އައްޑޫގެ ހުރިހާ އެންމެން އެއްތަނަކަށް އެއްވެ ޢާއިލީ ގުޅުން ބަދަހިކޮށް އެކުވެރި ކަމާއި އެއްބައިވަންތަ ކަމުގެ ރޫހު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ބޭއްވޭ މިޙަރަކާތުގައި އައްޑޫގެ ވީހާ ގިނަ މީހުން ބައިވެރި ވުމަކީ އައްޑޫ ފްރެންޑްސްގެ އެދުމެކެވެ. ހިތްމަލާ ފެސްޓިވަލް އޮންނާނީ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުގައި އަންގާރަ ދުވަހު ހަވީރު 4ން 6 އަށް އަދި ރޭގަނޑު8 ން 12 އަށެވެ.
މިދިޔަ އަހަރުވެސް ވަނީ ހިންމަލާ ފެސްޓިވަލް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެފަހަރުގެ ފެސްޓިވަލަށްވެސް ވަނީ ވަރަށް ބޮޑު ތަރްޙީބެއް ލިބިފައެވެ.
އައްޑޫ ފްރެންޑްސް އަކީ އައްޑޫގެ ޒުވާނުން ތަކެއްގެ އިސްނެގުމާއެކު އައްޑޫސިޓީ ހިތަދޫގައި އިޖްތިމާޢީ އެކި ޙަރަކާތްތައްހިންގުމުގައި ފާހަގަ ކޮށްލެވޭ އަމިއްލަ ޖަމްޢިއްޔާއެކެވެ. އައްޑޫގައި ފާހަގަކުރެވޭ ޚާއްސަ ދުވަސްތަކާއި އެކި އެކި މުނާސަބާ ތަކުން އައްޑޫ ފްރެންޑްސް ގެ ޙަރަކާތްތައް ވިދަމުން އަންނަ އިރު މިސިޓީއަކީ ސާފުރީތި ތަނަކަށް ހެދުމަށް ވެސް ރަށު ފެންވަރުގައި ގިނަ ޙަރަކާތްތަކެއް މި ޖަމްޢިއްޔާއިން ހިންގައެވެ.