English Edition
Dhivehi Edition
ކަނބިހާ ބީޗް/ފޮޓޯ ސިނާން

ރަށްރަށުގެ އިޖްތިމާޢީ އެކި އެކި މަސައްކަތް ތަކުގައި ޢާއްމުކޮށް ފެންނަނީ މަދަނީ ޖަމްޢިއްޔާތަކެވެ. އަވަށުގެ އެކުވެރި ކްލަބްތަކެވެ. ކައުންސިލްތަކާއި މުވައްސަސާތަކެވެ. މިއެންމެންގެ ފަހަތުގައި ވެސް ބަޔަކު މަސައްކަތް ކުރާ ކަމީ ދެބަސްވާނެ ޙަޤީޤަތެއް ނޫނެވެ. އައްޑޫސިޓީ ހިތަދޫގައި ހިންގޭ މިފަދަ ކޮންމެ ކަމެއްގައި ހިތުން ރުހުމުން އެހީތެރިވެ ލޮލުން ބޮލުން އެކަމަކަށް އިޖާބަދޭ އެއް ބަޔަކަށް ބީޓެކް ގްރޫޕް ވާނެއެވެ.

ތަނެއް ސާފު ކުރިޔަސް ބީޓެކް ގްރޫޕްގެ މުވައްޒަފުން ބައިވެރިވެއެވެ. އައްޑޫގައި ޕޯލްޓްރީ ފާމެއް ތަރައްޤީ ކުރަމުން އަންނަ ބީޓެކުން މުވައްޒަފުންގެ އެހީ ފޯރުކޮށްދިނުމާއެކު ވެހިކަލާއި ތަކެއްޗާއި ސާމާނާއެކު ވަދެ ކުރު މުއްދަތެއްގައި އެންމެންގެ ލޮލުގައި އަޅައިގަތް ރީތި ބީޗެއް ދައްކާލި އެއް ޙިއްސާދާރަކީ ބީޓެކް ގްރޫޕެވެ.

ކަނބިހާ ބީޗްގައި ކުއްޖަކު އިށީނދެލައިގެން

ހިތަދޫ އަށް އުފަން ޙުސެއިން މުޙައްމަދުގެ މޭސްތިރި ކަމުގެ ދަށުގައިވާ ބީޓެކް ގްރޫޕުން ކަނބިހާ ބީޗަށް ވަންއިރު އެތަނުގެ ބައެއްގައި އައްޑޫ ފްރެންޑްސްގެ ސިނާން އާއި ޙަބީބު އާއި ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި އޭނާގެ ޓީމް، ދިޔައީ ބީޗެއް ތަރައްޤީ ކުރުމުގެ ހުވަފެން ތަކާއެކު އެތަނުގައި ބުރަކޮށް މަސައްކަތް ކޮށް ހަރަކާތްތެރިވަމުންނެވެ.

އެހާހިސާބުން ބީޓެކްގެ އެހީތެރިކަން އެތަނަށް އޮއްސާލީ ހުރިހާ ދިމާއަކުންނެވެ. ގަސްކަނޑާ ސާފުކޮށް ބިން ލެވެލްކޮށް ޕޭވް ކޮށް ބެންޗާއި އުނދޯލި ހަރުކޮށް ވަރުގަދަ ގޭޓާއި މަގު ފެންސް ޖަހާލީއެވެ. ހިތްގައިމު ކުޑަތައް އަތުރައި ގޮނޑި މޭޒު ބެހެއްޓީއެވެ. އަގު ބޮޑު ރީތި ސަންބެޑް ތަކުން މުޅި ތަން ފުރާލީއެވެ. އޭރު އަނެއް 2 ޓީމްވެސް ލައިޓް ހަރުކުރުމާއި ޓްރީ ހައުސް ހެދުމާއި ހަޓް ޖެހުމާއި ވަޑާމުގެ މަސައްކަތް ތަކާއި ގަސް އިންދުންފަދަ ހުރިހާ ކަމެއްގައި އެކުއެކީ ޙަރަކާތްތެރި ވަމުން ދިޔައެވެ.

ކަނބިހާ ބީޗާއި މެދު ޢާއްމުންގެ ލޯބި އިހުނަށް ވުރެވެސް ބޮޑުވެ އެތަނުގެ ހިތްގައިމު މާޙައުލުގައި ކޮންމެ ދުވަހަކު 10 ، 12 ޕާޓީ ބާއްވާ ތަނަކަށް އެތަން ވުމުގައި މިދެންނެވި ޓީމާއިއެކު ބީޓެކް އެވަނީ ޤުރުބާނީ ތަކެއް ވެފައެވެ.

އަދިވެސް ކަނބިހާ ބީޗް އެދަނީ ތަރައްޤީ ކުރަމުންނެވެ. ރީތި ޑިޒައިން ތަކުގެ ހިތްގައިމު އުނދޯލިތަކާއި ޕިކްނިކް ހަޓްތަކެވެ. ޖޯލިފަތިތަކާއި ޒަމާނީ އަށިތަކެވެ. ކުޑަކުދިންގެ މަޤުބޫލު އަރާފައިބާ ސިޑިތަކެވެ. ލޯބިލޯބި ހަންޑިކުޑަތަކެވެ. އަދިވެސް އަންނާން ހުރި ތަކެތި މަދެއްނޫނެވެ. މުޅި އައްޑޫސިޓީގައިވެސް ނެތްވަރުގެ އެބޮޑު ބީޗުގައި ބާބެކިއު ގްރިލްތައްވެސް ވަރަށް އަވަހަށް ޖެހިގެންދާނެއެވެ.

އައްޑޫސިޓީގައި ހަދަމުންދިޔަ ސިޓީ ސްކުއަރ ވެސް މަރާމާތަށް ބަންދުކޮށްފައި އޮތް މި ދަނޑިވަޅު ކުޑަކުދިންގެ ހިތް އުފާ ކޮށްލުމަށް ކަނބިހާ ބީޗް ތަރައްޤީކޮށް އެތަނުގެ ބޭނުން ގިނަ ޢަދަދެއްގެ ބަޔަކަށް ހިފެން މެދުވެރި ވުމުގެ އަސްލަކީ އައްޑޫސިޓީ ކައުންސިލުން ވެދެއްވި އެއްބާރުލެއްވުމާއެކު ވަކިން ޚާއްސަކޮށް ކައުންސިލަރ ޖަމްޝީދާ މުޙައްމަދާއި އޭނާގެ ޓީމާއި އައްޑޫ ފްރެންޑްސް ގެ މިންނެތް މަސައްކަތާއި އަދި ހެޔޮއެދޭ ފަރާތްތަކާއެކު ބީޓެކް ގްރޫޕް ނިކުތް ނިކުތުން ކަމީ ދެބަސްވާނެ ހަގީގަތެއް ނޫނެވެ.

ކަނބިހާ ބީޗްގައި ކުޑަ ޖެހުމުގެ މަސައްކަތުގައި ބީޓެކްގެ މުވައްޒަފުން

 

ކަނބިހާ ބީޗަށް މިއެހީ ފޯރުވުމުގައި ދެގޮތެއް ނުވެތިބި ބީޓެކް ގްރޫޕް އިއްޔެ ފެނިގެންދިޔައީ ސްކޫލެއްގެ ތެރެއިންނެވެ. ހަމަ ސާފުކޮށްދެނީއެވެ. ރީތި ކުރުމާއި ގެންނެވެ. އައްޑޫ މިއާންޒް އިންޓަނޭޝަނަލްގެ ފޭސްބުކް ޕޭޖްގައި ވާގޮތުން ޓީޗަރުންގެ އެދިލެއްވުމަކަށް އިޖާބަދެއްވައި ބީޓެކުން އެސްކޫލްގެ ދަރިވަރުންނަށްޓަކައި ސްކޫލްގެ ޕާކް ނަލަކޮށް ދިނުމުގައި ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކަނބިހާ ބީޗްގައިވެސް އެކުއެކީ ހަރަކާތްތެރިވާ ސިނާންއާއި އައްޑޫ ފްރެންޑްސް އިން ދިން ޚިޔާލަކަށް އެކަން ފަހި ވެގެން ދިޔައިތީ އެސްކޫލްގެ މެނޭޖްމަންޓާއި މުވައްޒަފުންތިބީ އުފަލުން ފޮޅި ފޮޅިއެވެ.

 

ތަންތަން ރީތިކޮށްދޭން ބީޓެކް ގްރޫޕް ފަދަ ބަޔަކު ނުކުތުމުން އެހާހިސާބުން ރަށުގެ ޢާއްމު ރައްޔިތުން އެކަމަކުން އަތްދޮވެލަންވީއެއްނޫނެވެ. ގަސްޖެހުމާއި ތަން ބެލެހެއްޓުމާއި ޒީނަތްތެރި ކުރުމުގައި އެންމެން އެއްވަރަކަށް ޙިއްސާ ވެ އެއްބާރުލުން ދީފިނަމަ ކަންކޮށްދޭން އަންނަ ބަޔަކަށް ވެސް ލިބޭ ހިއްވަރަކަށް އެކަން ވާނެއެވެ. މިފަދަ އިޖްތިމާޢީ ކަންކަމާއި މުޅި ޖަމާޢަތަށް ފައިދާވާ ކަންކަމުގެ ބޭނުން ހިފަންވެސް ތިބީ އަޅުގަނޑުމެން ކަމަށްވާއިރު ވަކިބަޔަކަށް ބަރޯސާ ނުކޮށް އެންމެން އެއްވަރަކަށް ޝާމިލްވުމަކީ ރީތިގޮތެކެވެ.

ކަނބިހާ ބީޗް

ޖަމާޢަތަށް ޚިދުމަތްކުރުމުގެ ރީތި ހިތްގައިމު ނަމޫނާ މަދުންނަމަވެސް އަޅުގަނޑު މެންގެ ތެރޭގައި އާލާވަމުން ދިއުން މިއީ ހެޔޮ ފާލެކެވެ. އިޖްތިމާޢީ ކޮންމެ ކަމެއްގައިވެސް އެންމެން ގުޅިއްޖެ ނަމަ ހެޔޮ ބަދަލު ފެންނާނެއެވެ. އިޖްތިމާޢީ ރޫހަކީ ޖަމާޢަތުގެ ގުޅުން ބަދަހި ކުރުމަށް އެޅޭ ބިންގަލެކެވެ.