English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް އައްޑޫސިޓީ ހިތަދޫގައި މިއަދު ފާހަގަ ކޮށްފިއެވެ. މިކަމަށްޓަކައި ޝަރަފުއްދީން ސްކޫލްގައި ވަނީ ޢުމުރުން ދުވަސްވީ މީހުންގެ ޝަރަފުގައި ޚާއްސަ ހަވީރެއް ބާއްވާފައެވެ. މިއީ އައްޑޫސިޓީ ކައުންސިލާއި ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން، އައްޑޫގައި އުފެދިފައިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ކަމަށްވާ އައްޑޫފްރެންޑްސް،ސްކީމް،އުތުރު ސައުފު ،ޖޭސީއައި އަދި ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ ހަވީރެކެވެ.

ހިތަދޫގެ 65 އަހަރުން މަތީގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވި މި ހަވީރު ކުރިއަށް ދިޔައީ ތަފާތު ގިނަ ޙަރަކާތްތަކާއެކުގައެވެ. ދިވެހި ޘަޤާފީ ތީމަށް ތަން ޒީނަތްތެރި ކޮށްފައިވާ އިރު އިހުޒަމާނުގެ ކުޅިވަރުތަކާއި ލަވަޔާއި ރައިވަރު ބައިވެރިން ދިޔައީ ހުށަހަޅަމުންނެވެ.

 

ދުވަސް ވީ މީހުންގެ ޝުޢޫރުގެ ނަމުގައި ޚާއްސަ ބައެއް ކުރިއަށް ދިޔައިރު އެމީހުންވަނީ އޭރާއި މިހާރުގެ ތަފާތުތައް ވަރަށް ރަނގަޅަށް ކިޔާދީފައެވެ. އޭރުގެ މަސައްކަތް ކޮށް އުޅުނު ގޮތާއި ކުޅެ އުޅުނު ކުޅިވަރުތަކާއި ލައިއުޅުނު އަންނައުނު ގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅުނު ވައްޓަފާޅިއާއި އެމީހުންގެ ދުވަސްވީ ހަނދާންތައް ތާޒާކަމާއެކު ވަނީ ހަވީރުގެ ބައިވެރީންނާ ޙިއްސާ ކޮށްފައެވެ.

ބައެއް އަތްތެރި މަސައްކަތާއި ރުކުގެ ފަން ބޭނުންކޮށްގެން ތަފާތު ޑިޒައިން ތަކަށް އިހު ހަދާ އުޅުނު ސުވާ،ބަތާ،ދޫނި،މުޑޭށި، މުޅޯށި ފަދަ ތަކެތި ހެދުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ޝައުޤުވެރިކަމާއެކު މަސައްކަތުގައި ޝާމިލުވި މަންޒަރު ފެނިގެން ދިޔައެވެ.

ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކަނބަލުން އެންމެ ބޮޑަށް ފެނިގެން ދިޔައީ އެކި ފާޑު ފާޑުގެ މާ، ގަތާ އަމުނާ އޭގެން މާފަތި ހަދައިގެން އެކަކު އަނެކަކަށް ހަދިޔާ ކުރަނިކޮށްނެވެ. އެއީ އިހު ޒަމާނުގެ އާދަ ކާދައިގެ ތެރެއިން ކަނބަލުން އޭރުވެސް ޒީނަތްތެރި ވުމުގެ ގޮތުން ބޭނުން ކުރި އެއްޗެކެވެ.

ޢުމުރުން ދުވަސް ވީ މީހުންނަކީ އެކި އެކި ބަލި ތަކަށް ފަރުވާ ތެރި ވާ ބަޔަކަށް ވުމާއެކު އެމީހުންގެ ލޭގެ ޕްރެޝަރ ބެލުމާއި ،ހަކުރު ޓެސްޓާއި،ބަރުދަން ބެލުމާއި ބައެއް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޚާއްސަ ސްޓޯލެއް ހުރިކަން އެއީ ފާހަގަ ކޮށްލެވޭ ކަމެކެވެ.

ޘަޤާފީ ކެއުމަކާއެކު ކުރިއަށް ދިޔަ މި ހަވީރު ނިމިގެން ދިޔައީ ފޫހިކަމެއް ނެތި ކަމަށާއި މިއީ ގެއިން ބޭރުގައި ހޭދަން ކޮށްލަން ލިބުނު އުފާވެރި މާޙައުލެއް ކަމަށް އޭއޯ ނިއުސްއާއި ވާހަކަ ދެއްކި ޢުމުރުން ދުވަސްވީ ކަނބަލަކު ބުނެފައިވެއެވެ.

“އަފިންނަށް މިލިބެނެއި ހައުދަހައި އުފާވެރިކަމަކޭ. އެތައް ދުވަހައްވީ ރައްޓެހިން އެއްތާކުން ބައްދަލަ ކެރާއް ފުރުސަތު މިލިބެނެއި. އެންމެ އުފާކެރަނީ އަފިރިންގެ ދަރިންނާއި ޒުވާން ކުދިން އަފިއްނާއި އެއްކޮށް އާސް މިކަމި ބައިވެރި ވޭހެދީ.

މިހަވީރު އިންތިޒާމް ކޮށްފައިވާ ގޮތުން ޢުމުރުން ދުވަސްވީ މައިން ބަފައިން ގޮވައިގެން އެމީހުންގެ ދަރީން އައުމަށް ހަމަޖެހިފައި އޮތް އޮތުމުގެ ނަތީޖާ އެއްގެ ގޮތުން ކޮންމެ ޢާއިލާއަކުންވެސް ޢުމުރުން ދުވަސްވީ މީހުންނާއެކު ދަރީންނާއި މާމަ ކާފަ ދަރީން ބައިވެރިވެ އެހީތެރިވާ އުފާވެރި މަންޒަރު ތަކުން ޢާއިލީ ގުޅުމުގެ ބަދަހިކަމާ އުފާވެރި ކަން ފެނިގެން ދިޔައެވެ.

މިހަވީރުގައި ލައިވް މިއުޒިކުގެ އިތުރުން މަޝްހޫރު ލަވަކިއުންތެރިޔާ ސިނާންގެ ޚާއްސަ ލަވަތަކެއްވެސް ވަނީ ހުށަހަޅާދީފައެވެ.

ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޢައިޝަތު ނަދާ ވިދާޅުވި ގޮތުގައި ދުވަސްވީ މީހުންގެ އަގު ވަޒަންކޮށް އެމީހުންގެ ޝަރަފްގައި ބޭއްވި މި ޙަރަކާތްފަދަ އިތުރު ތަފާތު ކަންތައްތަކެއް ކައިރި ކުރިމަގެއްގައި ފެނިގެންދާނެ އެވެ.

ގިނަ ބަޔަކަށް އުފާވެރި ކަން ލިބުނު މިހަވީރު ފަދައިން އެންމެން އެއްވެ ހިންގޭ މިފަދަ ގިނަ ޙަރަކާތްތަކަކަށް އައްޑޫސިޓީ އޮތީ ބޭނުންވެފައެވެ.