ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ސީއެސްއާރްގެ ދަށުން އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން ޝަންގްރިއްލާ ރިސޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ
ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހުސް ދިވެހި އުފެއްދުންތައް ވިއްކާފައިވާއިރު މިއީ މި ދައުރުގެ ކޮމެޓީއިން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިދައުރުގެ ރައީސާ އައިޝަތު ނަދާ ވިދާޅުވީ މިއީ އައްޑޫ ސިޓީގައި ކަނބަލުންގެ މަސައްކަތްތައް ބާޒާރަށް ނެރެ ވިއްކުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ. “އައްޑޫއަކީ ވަރަށް ގާބިލް މަސައްކަތްތެރިން އުޅޭ ސިޓީއެއް.ހާއްސަކޮށް ކުރީ ޒަމާނުގައި ދިވެހިންކޮށް އުޅުނު މަސައްކަތް އައްޑޫ ސިޓީގެ މީހުންނަށް ވަރަށް ބޮޑަށް އެނގޭ. ބޭނުންވަނީ މަސައްކަތްރިންގެ މަސައްކަތްތަކަށް ރަގަޅު މާކެޓެއް ޙޯދައިދީ އެ ކަމަށް މަގުފަހިކުރުން”ނަދާ ވިދާޅުވިއެވެ.މީގެ އިތުރުން ނަދާ ވިދާޅުވީ ބޭނުންވަނީ ދިވެހި އުފެއްދުންތައް ރާއްޖެއިން ބޭރުގެ ފަތުރުވެރިންނާއި ހަމައަށް ގެންގޮސްދިނުން ކަމަށާއި މިއީ އެ ފުރުސަތު އައްޑޫ ރައްޔަތުންނަށް ހޯދައިދުނުމުގެ ގޮތުން ކޮމަޓީއިން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތްކަމުގައެވެ
މީގެ އިތުރުން ނަދާ ވިދާޅުވީ ވަރަށް ކުޑަވަގުތު ކޮޅެއްގެ ތެރޭގައިވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބިގެން ދިޔަ ކަމަށާއި ވަރަށް ފުރިހަމައަށް ކަނބަލުންގެ ބައިވެރިވުން މިކަމަށް ލިބުނު ކަމަށެވެ. “ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތަކަށް މި ހަރަކާތްވެގެން ދިޔައީ. ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ގެންދިޔަ ހުރިހާ އައިޓަމެއް ވިކި ހުސްވުމަކީ މިކަމަށް އޮތް ތަރުހީބު އެގިގެން ދިޔަކަމެއް”. ނަދާ ވިދާޅުވިއެވެ. މީގެ އިތުުރުން ނަދާ ވިދާޅުވީ އުއްމީދުކުރަނީ ކައިރި މުސްތަގުބަލެއްގައި އެހެން ރިސޯޓުތަކުންވެސް މިފަދަ ފުރުސަތުތަކެއް ލިބިގެންދިއުންކަމަށެވެ