English Edition
Dhivehi Edition

އަހަރެން ގެޔަށް އައިސް ބެލް ޖަހާ ކޮންމެ ފަހަރަކު ރިޝާމް ދޮރުހުޅުވާނީ އެތެއް އިރެއް ފަހުންނެވެ. އަހަންނަށް ހީކުރެވެނީ އޭނާ އަހަރެން ގެޔަށް ނުވައްދަން އުޅޭހެންނެވެ. ލަހުން ގެޔަށް އާދެވޭތީއެވެ. ނޫނީ އަހަރެން ދެކެ ފޫހިވާތީއެވެ.

ރިޝާމް އާ އަހަރެން އިނީ އެއީ އަހަންނަށް އޭރު ދިމާވި އެންމެ ރަނގަޅު މީހާ ވީމައެވެ. އަހަރެން ދެކެ އެންމެ ލޯބިވާ މީހަކީ އޭނާ ވީމައެވެ. އަހަރެން މާލެ އައުމާއެކު ހުޅުކޮޅެއްގެ ވަށައިގެން ޕަރުވާނާތައް އެނބުރޭހެން އަހަރެންގެ ވަށައިގެންވެސް ޒުވާނުން އެނބުރެން ފެށިއެވެ. އޭރު އަހަރެންގެ އުމުރުން ކިރިޔާ އަށާރަ އަހަރު ފުރުނީއެވެ. މާލެއައީ އިތުރަށް ކިޔެވުމަށެވެ. އަހަރެން ކޮލެޖަށް ވަނތް ތަނާހެން ރިޝާމްއާ އަހަރެންގެ ރައްޓެހިކަން އުފެދިއްޖެއެވެ. އޭނާ ކިޔަވަމުން ދިޔައީ ސައެންސްގެ ރޮނގުންނެވެ. އަހަރެން ހެދީ ބިޒިނަސް އެވެ. އޭނާގެ ކޯސް ނިމެން އަދި ދެ އަހަރު ނަގާނެއެވެ. އެހެންނަމަވެސް އަހަރެންގެ ކޯސް އަހަރެއްގެ ފަހުން ފުރިހަމަ ވެއްޖެއެވެ.

އަހަރެމެން އުޅުނީ ރިޝާމްގެ މަންމަގެއިން ލިބިފައިވާ ކުޑަ ކޮޓަރިއެއްގައެވެ. ކޮޓަރީގެ ކުލި ދައްކަން ނުޖެހުނު ކަމުގައިވިޔަސް އަދި ގެއިން ކެއުން ހަމަ ޖެހިފައިވީ ނަމަވެސް ދުވަހުން ދުވަހަށް ކުރަން ޖެހޭ ޚަރަދުތައް އައީ ގިނަވަމުންނެވެ.

އަހަރެންގެ ވަޒީފާއިން ލިބޭ މުސާރަ މަސް ނިމޭއިރު އޮންނަނީ ހުސްވެފައެވެ. އަބަދުވެސް ޚަރަދުކުރާނެ ކޮންމެވެސް ކަމެއް އޮންނަނީ ކުރިމަތިވެފައެވެ. ކޮންމެ މަހަކުވެސް ކޮންމެވެސް ވަރަކަށް ސޭވް ކުރަން އަހަރެން ވިސްނީމެވެ. ވިޔަސް އެކަމެއް ނުވެއެވެ. ބައްޕަމެންނަށް ކަމެއް ޖެހިގެން އެދިއްޖެނަމަ އެކަމަކަށް އިސްކަން ދޭން ޖެހެއެވެ. އަހަރެންގެ ވަޒީފާގެ ގޮތުން އަޅަންޖެހޭ ހެދުންތަކަށްވެސް އިތުރު ޚަރަދުތަކެއް މިހާރު ކުރަން ޖެހެއެވެ. އަދި އޭގެ އިތުރުން ގެއަށް ބޭނުންވާ ކަންތަކަށްވެސް ޚަރަދު ކުރަން ޖެހެއެވެ.

ރިޝާމްގެ ތިމާގެ މީހުން ގޯސްކުރާކަށް ނެތީމެވެ. އެމީހުންވެސް އެމީހުންގެ ވަރުން އަހަރެމެންނަށް އެހީތެރިވިއެވެ. އެމީހުން ކައްކާ އެއްޗެއް ގެނެސްދެއެވެ. ރިޝާމް ކޯސް ހެދުމުގައި އަބަދު އެހާ ބުރަކޮށް އުޅޭތީ އެހެން ކަމަކަށް ވަގުތެއް ނުވެއެވެ. އަހަރެންގެ މައްސަލައަކީވެސް އެއީއެވެ. މުޅި ދުވަހާ ރޭގަނޑު މަސައްކަތް ކޮށްފައި ގޭގައި އެހެން ކަމެއް ކުރާނެ ވަގުތެއް ނޯންނާތީއެވެ. އަހަރެން އައިސް ބެލްޖެހީމާ ދޮރު ހުޅުވުން ލަސްވަނީ އެހެންވީމާ ކަމަށް ވެދާނެއެވެ.

އަހަރެން ދެކެނީ ރިޝާމް އަހަރެން ދެކެ ފޫހިވަނީ ކަމުގައެވެ. އަހަރެން ގެޔަށް އައުމުން ފެންނާނީ ނުރުހުންވުމެވެ. ކިތަންމެ އުފަލަކުން ކިތަންމެ ޝައުގުވެރިކަމެއް ހުރި ވާހަކައެއް ބުނަން ހިތަށް އަރާފައި ހުރެގެން ގެޔަށް ހިނދުކޮޅެއްގެ ތެރޭގައި މުޅިރޭނގަޑުގެ މޫޑް ގެއްލިދެއެވެ.

މިއީ ފަހަކަށް އައިސް އާދައެވެ. އަހަރެން ކުރަންވީ ކީއްކަމެއް ނޭނގެން ފަށައިފިއެވެ. އޮފީހަށް ނުގޮސް ގޭގައި ހުންނަންވީ ހެއްޔެވެ؟ ގޭގައި ހުރެގެން ކުރެވޭނެ ކަމެއް އެބައޮތްހެއްޔެވެ؟ ލިބޭނެ އާމްދަނީއެއް އޮންނާނެހެއްޔެވެ؟ ޚަރަދުތައް މަތިވެފައިވާ ވަރުން ރިޝާންއަށް ބޭނުންވާ ކަންތައްވެސް ފުރިހަމަ ކުރެވެނީ އަހަރެންގެ އެހީއާ ވެސް ލައިގެންނެވެ. އަހަރެން ކަންބޮޑުވަނީ އެކަން ރިޝާންއަށް ގަބޫލު ނުކުރެވޭ ކަމެވެ.

ރިޝާން ބުނެލާ ބައެއް ބަސްތަކުން އަހަރެން އަބަދުވެސް ލަހުން ގެޔަށް އަންނާތީ ނުރުހޭ ކަމާއި އަހަރެން މާ ރީއްޗަށް ހެދުން އަޅައި އަގުބޮޑު ފޯނުފަދަ ތަކެތި ގެންގުޅޭ ކަމުގެ ހިތްހަމަ ނުޖެހުން ފާހަގަކުރެވެއެވެ. އަހަރެންގެ ފޯނަކީ އޮފީހުން ކުޑައަގެއް ދައްކާ ގޮތަށް ދިން ފޯނެކޭ އެތައް ފަހަރަކު ބުނީމެވެ. އަހަންނަށް ވުރެން މާގިނައިން ގަހަނާއަޅައި މޭކަޕްކޮށްފައި ތިބޭ ކުދީން އަހަރެންގެ އޮފީހުގައި އުޅެއެވެ. އަހަރެން އަހަރެންގެ މަގާމާގުޅޭ ގޮތަށް ހެދުން އަޅަން ޖެހެއެވެ. އެކަމަށް އޮފީހުން އެލަވެންސެއްވެސް ކަނޑައަޅާފައި އޮންނާތީވެސް މެއެވެ.

އޮފީހުގެ މަސައްކަތް ކިތަންމެ ބުރަވިޔަސް ގެޔަށް އައީމާ އެވާފަދަ ހިތްދަތިކަމެއް ނުވެއެވެ. އެއާ ޚިލާފަށް ގިނައީ މަޖާ އަދި އުފާވެރި މާހައުލެއްގައި އެންމެން ނުހަނު އުފަލުން ގުޅިގެން އުޅޭ ވަގުތުތަކެވެ. ކިތަންމެ އިރަކު ވާހަކަ ދެއްކިޔަސް ރުޅިވެރި ބަހެއް އެކަކު އަނެކަކަށް ބުނާކަށް މެދުވެރިއެއް ނުވެއެވެ. އަމުދުން ފޫހިވެގެން އުޅޭކަށްވެސް ނުޖެހެއެވެ.

އަހަރެން ވަކި އަވަހަށް ގެޔަށް އައުމުގެ ބޭނުމެއްވެސް މިހާރަކު ނޯވެއެވެ. ވަރުބަލިވެގެން އައިސް ޖެހެނީ ނިދަން އޮށޯންނާށެވެ. ރިޝާން އެސައިންމެންޓެއް ހަދަން ނެތިއްޔާ އޮންނާނީ ނިދާފައެވެ. އަހަރެން ބެލްޖެހީމާ ދޮރު ހުޅުވުން ވެސް އޮންނަނީ ބުރައަކަށް ވެފައެވެ.

އަހަރެމެންގެ ދެމެދުގައި މިއަދު ފެންނަން އޮތްހާވެސް އެއްޗަކީ ވަރިއެވެ. އެކަމަކު އެއީ އަހަރެން އެންމެ ނުރުހޭ ކަމެވެ. އަހަރެންގެ މައިންބަފައިން މިކަމުގެ އިލްޒާމު އަޅުވަނީ އަހަރެންގެ ބޮލުގައެވެ. އެމީހުން ދެކެނީ އެމީހުން އަހަރެން ތަރުބިއްޔަތު ކޮށްފައިވަނީ އެންމެ ރަނގަޅުގޮތުގައި ކަމެވެ. އަދި އެމީހުން ދަސްކޮށް ދިން ގޮތުގައި އަހަރެން އުޅެމުންދާނަމަ ވަރިޔާހަމަޔަށް ދާން ނުޖެހޭނެ ކަމުގައެވެ. އެމީހުން މިސާލު ދައްކަނީ ބައްޕައާ މަންމަގެ ކާވެންޏަށް ތިރީސްފަސް އަހަރުވެފައިވާ މިސާލުންނެވެ.

މިއަދު ފެންނަނީ މުޅީން އެހެން މިސާލެކެވެ. މަންމައާ ބައްޕަގެ މިސާލު މިއަދަކާ ނުގުޅެއެވެ. އެއީ އެހެން ޒަމާނެކެވެ. އަހަރެންގެ ވަގުތު ގޭގައި ހޭދަކުރަނީ މުޅީން އެކަހެރި ގޮތުގައެވެ. ރިޝާން ސިޓިންގ ރޫމުގައި އޭނާ އެކުރާ ކަމެއްގައި އުޅެފައި ނިދަން އަންނަ އިރެއް އަހަންނަކަށް ނުވެސް އެނގެއެވެ. އަހަރެން ނިދެން ދެން އޮންނަނީ ފޯނާ ކުޅޭށެވެ. އެހެން ގޮތަކަށް ބުނާނަމަ އޮފީހުގެ ފުރެންޑުންގެ ހިތާ ކުޅޭށެވެ.

އަހަންނާ ޗެޓްކޮށްލަން ބޭނުންވެފައި ތިބޭ ކުދީންގެ އަދަދު މަދެއް ނުވެއެވެ. އަބަދުވެސް ކޮންމެވެސް ރިކްއެސްޓެއް އަންނާނެއެވެ. ނޯންނަނީ ވަގުތެވެ. އެކަމަކު ބައެއް ކުދީން ކޮށްލާ ޗެޓްތަކުން އަހަރެން ނިދި ފިލުވާލާ ރޭރޭތައް ގިނައެވެ. ވަކީން ޚާއްސަކޮށް އޮފީހުގައި އެންމެ މަޖާ ސަކަރާތްގަންނަ ފިޒްގެ ޗެޓް ތަކުންނެވެ. އެއީ އަހަންނަށް ނޫނެކޭ ނުބުނެވޭހާ މަޖާ އަދި ފޫހިފިލާ ޗެޓްތަކެކެވެ. ވަކީ ޚާއްސަކޮށް އޭނާގެ ވީޑިއޯ ޗެޓްތަކެވެ. އެއީ މިހާރަކަށް އައިސް އަހަރެންގެ ހަޔާތުގެ ފޫހިކަން ފިލުވައިދޭ ހަމައެކަނި ވަގުތުކޮޅު ކަމުގައި ހިމެނިފައިވެއެވެ. އެންމެ ރަނގަޅު ކަމަކީ އަހަރެން ގެޔަށް އައިސް ފޯނު ހުޅުވާ އިރު އޭނާ އޮންލައިންގައި އިންނާތީއެވެ. މަދުރެއެއްގައި ނޫނީ އޭނާގެ ހައިއެއް މިސްވެފައެއް ނުވެއެވެ.

ފިޒް އަހަރެންގެ ހަޔާތުގެ ހުރިހާ ފަރާތަކުން އަހަރެން ވަށައިލާފައި އެވަނީ ގަދަޔަށް މޫފައިބާ ގަހެއްގެ މޫތަކުން ބަނދެވި ފޮރުވެމުންދާ ބިން ހިމަ ގަހެއް ފަދައިންނެވެ. އެއް މުލުން ނެއްޓެން އުޅެގަންނަ ފަހަރު އަނެއް މުލުގައި އަޅައިގަނެ ބަނދެވެމުން ދަނީއެވެ. އޭގެ ނަތީޖާއަކަށް ވަނީ އަހަރެންގެ ހުރިހާވަގުތެއް ފިޒްއާ އެކު ހޭދަ ކުރަން ބޭނުންވުމެވެ. އަދި ހުސްވަގުތެއް އަމުދުން ނުލިބެން ފެށުމެވެ.

ރިޝާމްއަށް އަހަރެން މުހިންމު ނުވިފަދައިން އަހަންނަކަށްވެސް ރިޝާމް މިހާރު މުހިންމު ހެނެއް ހިޔެއް ނުވެއެއެވެ. އެހެންކަމުން ވަރިއަށް އެދި ހުށަހަޅާ ފޯމް އެންމެ ފަހުން އަހަރެންގެ އަތާ ހަމަޔަށް އަތުވެއްޖެއެވެ.

ރިޝާމް އެކަމާ ހައިރާން ނުވިކަން އެއީ އަހަރެންނަށް އެފޯމް ހުށަހަޅަން ލިބުނު ހިތްވަރަކަށްވިއެވެ. އެހެންވެ ރިޝާމްގެ މޭޒުމަތީގައި އޭނާ ސޮއިކުރަން ޖެހޭތަން ފާހަގަކޮށްފައި ފޯމް ބާއްވައިފީމެވެ.

އަހަރެން އަނެއް ދުވަހު އޮފީހަށް ދިޔައީ އަހަރެން އަންނަންވާ އިރަށް ފޯމުގައި ރިޝާމް ސޮއިކޮށްފައި އޮންނާނެ ކަމަށް ބަލާފައި ދާން ޖެހިއްޖެނަމަ ދާންވެސް ތައްޔާރު ކޮށްފައެވެ. އެހެންނަމަވެސް އޭރަކު އަހަރެން ދާނީ ކޮންތާކަށް ކަމަށް ކުޑަކޮށްވެސް ވިސްނައެއް ނުލެވުނެވެ. އަހަރެންގެ އުންމީދަކަށް ވެފައިވަނީ ފިޒް ކޮންމެވެސް ތަނެއް އަހަންނަށް ހޯދާދޭނެ ކަމަށެވެ.

އަހަރެން އެރޭ މި ޚަބަރު ފިޒްއަށް ދިނީމެވެ. އޭނާ އުފާވާނެ ވަރު އަހަރެންގެ ހިތަށް ގެނެވުނެވެ. އެއީ އޭނާ އޭރުވަނީ އަހަންނަށްޓަކައި ފިދާވެފައިކަން އަހަންނަށް އެނގޭތީއެވެ.

އެރޭ އަހަރެންގެ ހަޔާތަށް އައި ދިގު ރޭތަކުގެ ތެރޭގައި ހިމެނޭ ރެޔެއް ކަމުގައި ވެގެން ދިޔައީ ކޮންމެވެސް ސަބަބަކާހެދި ފިޒްއަށް އޮންލައިން ނުވެވުނީމައެވެ. އަހަރެން މިއުފާވެރި ޚަބަރު އޭނާއަށް ދިނުމަށް ހިތް ބޭގަރާރު ވެފައިވީ ވަރުން އެތައް އިރަކު މެސެޖް ކުރީމެވެ. އަދި އެހާވަރަށް ކޯލްވެސް ކުރީމެވެ. އެންމެފަހުން އޭނާގެ ފޯނު އޮތީ ނިއްވާލާފައި ކަމުގެ މެސެޖްތައް އަންނަން ފަށައިފިއެވެ. އަހަރެންގެ ނިދި ޚަރާބުވެގެން ދިޔައީ އެހާ ހިސާބުންނެވެ. މުޅި ރޭގަނޑު އެއްކޮށް އަހަރެން ހޭދަކުރީ ފިޒްއާ ގުޅޭނެ ވަގުތަކަށެވެ. އޭނާ އޮންލައިންވޭތޯ އިރުއިރުކޮޅާ ބަލަމުން ގެންދެވުނެވެ.

ހެނދުނު އަވަސް އަވަހަށް އަހަރެން ތައްޔާރުވެގެން އޮފީހަށް ހިނގައްޖެއީމެވެ. އޭރު ރިޝާމް އޮތީ ނިދާފައެވެ. މޭޒުމަތީގައި އަހަރެން ބޭއްވި ފޯމް އޮތީ އޮތް ގޮތަށެވެ. އެއަކު އޭނާ ސޮއިކޮށްފައެއް ނެތެވެ. ވިޔަސް އަހަރެން ގަސްތުކޮށް ހުރީ ފިޒްއާ ދިމާވެ އަހަރެން ދާނެތަނެއް ހަމަޖެހުމުން ރީޝާނަށް ގުޅާފައި އޭގައި އަވަހަށް ސޮއިކޮށް ދިނުމަށް އެދޭށެވެ.

”ފިޒް އޮފީހުން ވަކިވެއްޖެ.” ޝިފާ ބުންޏެވެ. “އަހަރެން ހީކުރީ ޝިނާއަށް އެނގޭނެ ކަމަށް.”

އަހަރެންނަށް އެކަމެއް ކުޑަކޮށްވެސް ރޭކާ ލާފައި ނެތްކަމަށް ޝިފާގެ ގާތު ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއީ އަހަރެން އިއްޔެގެ މުޅި ދުވަސް ހޭދަކުރީ ފިޒްއާއެކުގައިކަން ޝިފާއަށް އެނގޭނެތީއެވެ. އެހާ މުހިންމު ކަމެއް އޭނާ ކުރަން އުޅޭއިރު އެކަން އަހަރެންނަށް ނޭނގި އޮތުމަކީ އަހަރެންގެ އަގު ޝިފާގެ ކުރިމަތީގައި ވެއްޓިގެން ދާނެ ކަމަކަށް ވާތީއެވެ.

އަހަރެން އޮފީސް މޭޒަށް ގޮސް ބަލާލިއިރު މޭޒުމަތީގައި އަހަރެން ބަހަށްޓާފައި ހުރި އެއްވެސް އެއްޗެއް ނެތްކަމީ އަހަރެން އަދި ވަކީން ބޮޑަށް ހައިރާންވި ކަމެކެވެ. އަހަރެން އަވަހަށް ވަތްގަނޑު ހުޅުވާފައި ބަލާލިއިރު އެވެސް ވަނީ ހުސް ކުރެވިފައެވެ. ކައިރީގައި ހުރި ކަރުދާހު ފޮށިގަނޑެއްގައި އަހަރެންގެ ހުރިހާ އެއްޗެއް ހުއްޓާ އަހަންނަށް ފެނުނެވެ.
“ޝިނާނާގެ އެއްޗެހި ހަމަތޯ ބަލާށޭ ޑިރެކްޓަރ އެންގެވި.” ޝިފާ އައިސް އަހަންނަށް ސިޓީ އުރައެއް ދިނެވެ. “މިއީ ވަޒީފާއިން ވަކިވި ކަމުގެ ލިޔުން. ޑިރެކްޓަރ ވިދާޅުވީ ތިންމަސް ދުވަހުގެ މުސާރަ ބޭންކަށް ޖަމާކޮށްފައިވާނެޔޭ. އަދި ޝިނާ ވަޒީފާއިން ވަކިވާން މެދުވެރިވި މައްސަލަ ކުރިޔަށް ނުގެންދާ ގޮތަށް ހަމަޖައްސަވައި ދެއްވައިފީމޭ.”

އަހަރެންގެ ފައިތިލަ ދަށުން ބިންގަނޑު ދެމިގެން ދިޔައީ އެވަގުތުއެވެ. އެއީ ފިޒް ބުނެގެން އަހަރެން އޮފީހު ކޮމްޕިއުޓަރުގެ ޕާސްވޯރޑު އޭނާއަށް ދިން ހަނދާންވީމައެވެ. އެއީ އޮފީހުގެ ހުރިހާ ސިއްރުތަކެއް އޭގައި ހުރިކަންވެސް އެނގިއެނގި ހުރެ އަހަންނަށް ކުރެވުނު ކަމެއް ވެސް މެއެވެ.

އެއީ އަހަންނަށް ރިޝާމްގެ ފޯން ކޯލް އައި ވަގުތުވެސް މެއެވެ. ރިޝާމް އަހަންނަށް ގުޅާނީ ބޮޑު ކަމެއް ޖެހުނީމަކަން އަހަރެންނަށް އެނގުނެވެ.

“ޝިނާ އެދުނު ފަދައިން ވަރީގެ ފޯމުގައި އަހަރެން ވާނީ ސޮއިކޮށްފަ. ފޯމް އަހަރެން މިހާރު ޝިނާއަށް ރައްދު ކުރުމަށް ކުއްޖަކާ ހަވާލު ކޮށްފިން. އަހަރެންނަށް ސައެންސް ޑިޕާޓްމެންޓުން ވަޒީފާ ލިބިއްޖެ. މިއަދު މިފުރަނީ އިތުރު ކޯހެއް ފުރިހަމަ ކުރުމަށް އެމެރިކާއަށް. އެހެންވެ ޝިނާގެ އެއްޗެހިތައް އަހަރެން ކޮޓަރީގެ ދޮރު ކުރިމަތީގައި ކަރުދާސް ފޮށިތަކަށް ލާފައި ބަހަށްޓާފައިވާނެ.”

އަހަރެންގެ ދުލަކަށް އެވަގުތަކު ހަރަކާތެއް ނުކުރެވުނެވެ.
“ޝިނާއަށް އަހަރެން އެދެނީ ބާއްޖަވެރި ހަޔާތަކަށް.”

ފޯން ކެނޑުނު ފަހުން އެތެއް އިރަކު އަހަރެން އެފޯން ކަންފަތުން ނައްޓާނުލެވިފައި ހުރީމެވެ.

މިއަދު އަހަރެންގެ މުޅި ހަޔާތު މިވަނީ ކަރުދާހުގެ ފޮށިތަކުގައި ބަންދުވެފައެވެ. އަހަރެންގެ ހަތަރުފަރާތުން އުދަރެސް ވަށައިގެން ބެދިއްޖެއެވެ. ދާން އުޅުނު މަންޒިލް ވީތަނެއް ވެސް އެނގޭކަށް ނެތެވެ.

ނިމުނީ