English Edition
Dhivehi Edition

ކުރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ

މި އިސްލާހު މަޖީލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ތަނަވަސްކޮށް ދިނުން ކަމަށެވެ

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަމެންޓް ސޭވިން އެކައުންޓްގައި ޖަމާކޮށްފައިވާ ފައިސާ ހައްޖުގެ އަޅުކަން އަދާކުރުމަށް ދެއްކޭނެ އިންތިޒާމު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސައި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ވާނެ ކަމަށެވެ. މި އިސްލާހުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އެ މީހަކީ ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވާނަމަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ސޭވިން އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ފައިސާގެ 50 ޕަސަންޓާ ކަމަށް ވެސް އަސްލަމް ހުށެހެޅުއްވި އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ

ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.