English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހައްޖު ކިޔުގެ ބޭރުން އެއްވެސް ބަޔަކަށް ހައްޖަށް ދިޔުމުގެ ފުރުޞަތު ދެވިފައިނުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ފުރުޞަތު ނުދީ، ހައްޖު ކިޔުގެ ބޭރުން ބަޔަކަށް ފުރުޞަތު ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުންދާތީއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ހައްޖު ކިޔުގައި ޖާގަތަކެއް ހާއްސަކޮށްފައި ހުރި ކަމަށާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެދުމުގެ ކުރިންވެސް ކަންތައްތައް އެގޮތަށް ހިނގާފައިވާ ކަމަށެވެ. “ހައްޖު ކިޔު ފަޅާލާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައެއް ނުދެން،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މިއަހަރަކީ މުޅިން އަލަށް ސީދާ 1,000 މީހުންނަށްވުރެ ގިނަ މީހުންނަށް ހައްޖު ކިޔުން ޖާގަ ލިބުނު އަހަރެކެވެ. މިނިސްޓަރު ވިދާޅުވޫ އެހެންނޫނީ ކިޔުއިން ޖާގަ އިންނާނީ 700 އެއްހާ މީހުންކަމަށެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,150 މީހުން ހައްޖަށް ދާނެކަމަށްމިނިސްޓަރު ވިދާޅުވިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން 2022 ވަނަ އަހަރު ހައްޖަށް ދިޔައީ ޖުމްލަ 400 މީހުންކަމަށާއި، އޭގެ ކުރީ ދެއަހަރު ކޮވިޑްގެ ސަބަބުން މީހުން ހައްޖަށް ނުދެވުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހައްޖު ކިޔު ދިގުވެފައި އެއޮތީ ކޮވިޑްއާ ގުޅިގެން ތިންއަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގުވައްޓާލުމަކީ “ދެރަވަރު ކަމެއް” ކަމަށް އޭނާ ވިދާޅުވިއެވެ. ހައްޖު ކޯޕަރޭޝަނަކީ އިސްލާމީ ދުނިޔޭގެ ހައްޖު އިދާރާގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު އިދާރާއެއްކަމަށާއި، ހައްޖު ކޯޕަރޭޝަނާމެދު ދިވެހިން އުފާވާންޖެހޭނެކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް ލާރި ދެއްކުމުން ހައްޖަށްދެވޭ އަހަރު ކަށަވަރުވާނެކަމަށާއި، ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވާގޮތަކީ ގުރުއަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެގު