English Edition
Dhivehi Edition

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ދިވެހި ހައްޖާޖީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުން ހައްޖަށް ދިޔަ މީހެކެވެ. އަދި އޭނާ ގެއްލިގެން ހޯދާތާ 3 ދުވަސްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ

އެ ގްރޫޕާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނީ އެމީހާ ގެއްލިފައިވަނީ މިނާއިން ކަމަށެވެ. އަދި އެއީ އަރަފާތު ބިމަށް ދިއުމުގެ ކުރިން ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް އެ ގްރޫޕާއި މައްކާގެ ހައްޖު މިޝަން އަދި މައްކާގެ އެކިއެކި އިދާރާތަކުން ގުޅިގެން ކުރަމުން ދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ މީހާ ގެއްލުނީ އަންހެނުންނާ އެކީ މިނާގެ ޓެންޓުގައި އިނދެފައި، ފޯނާ އެއްޗެހި ބާއްވާ ނުކުމެގެން ދަނިކޮށް ފެނުމުން، އަނބުރާ ޓެންޓަށް ގެންގޮސް ޓެންޓުގައި ބެއިންދިފަހުން ކަމަށެވެ.

އޭނައަކީ ހަނދާން ނެތުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ.

މިއަހަރު ހައްޖަށް ދިޔަފަހުން މީގެކުރިން ވެސް އޭނާ ގެއްލިފައިވާ ކަމަށާއި އެއީ މައްކާއަށް ދިޔަ ދުވަހު ކަމަށް އެ ގްރޫޕުން ބުނެއެވެ. އަދި ގެއްލިގެން ހޯދަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި އެފަހަރު ވަނީ ފެނިފައި ކަމަށް ވެސް ބުނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންގެ ތެރެއިން އުމުރުން ދުވަސްވީ ދެމީހެއްގެ ހާޅު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހުނުނަމަވެސް އާންމުކޮށް އެންމެންގެ ހާކު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެގު