ހައްޖު ކޯޕަރޭޝަން އަިން އެކުލަވާލާފައިވާ ކިޔު ތަރުތީބުން ނޫން ގޮތަކަށް އެއްވެސް ބަޔަކަށް ޖާގަ ހޯދަދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންއަށް ފައިސާ ދައްކާ ތަރުތީބުން ހައްޖުގެ އަޅުކަމަށް މީހުން ގެންދަމުން އަންނައިރު, ކިޔު ތަރުތީބާ ހިލާފުވެ ބައެއް މީހުންނަށް ކަނޑައެޅިފައިވާ އަހަރަށްވުރެ ކުރިން ސަރުކާރުގެ މުވައްޒަފުންނާއި އިދާރާތަކުގެ ނުފޫޒުން ހައްޖަށް މީހުން ގެންދާކަމުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.މި ތުހުމަތުތަކާއި ގުޅިގެން ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ކިޔު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދާދީފައި ނުވާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ވެސް ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ހާއްސަކޮށްފައި ހުންނަ ކަމަށާ އެއީ މީގެ ކުރިންވެސް އެކަން އޮތް ގޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން ކިޔު އިން ކޮންމެ އަހަރަކުވެސް ހައްޖަށް ފޮނުވެނީ 700 އެއްހާ މީހުން ނަމަވެސް މި އަހަރަކީ މުޅިން އަލަށް 1000 އަށްވުރެ ގިނަ މީހުންނަށް ކިޔުއިން ޖާގަ ލިބުނު އަހަރުކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ހައްޖުގެ މަތިވެރި އަޅުކަމަށް ފުރިއިރު މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ކުރެވުނު ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމުގައި ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ 2022 ވަނަ އަހަރު ހައްޖު ކޯޕަރޭޝަން އިން ކަނޑައަޅާފައިވާ ކިޔުއިން ޖާގަ ލިބުނީ 400 މީހުންނަށް ކަމަށާއި އޭގެ ކުރީ ދެ އަހަރު ކޮވިޑްގެ އާލަމީ ވަބާއާ އެކު ހައްޖުގެ އަޅުކަމަށް މީހުން ނުދާކަމަށެވެ. އަދި ހައްޖު ކިޔު ދިގުވެފައިވާ ސަބަބަކީ މިއީ ކަމުގައި ޝަހީމް ވިދާޅުވިއެވެ. އަދި މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމަކީ ދެރަ ކަމެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މިވަނީ ފާހަގަ ކޮށްލެވޭ ރަނގަޅު އިދާރާއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއީ ދިވެހިން އުފާ ވާންޖެހޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޝަހީމް ވިދާޅުވީ ކޮންމެ މީހަކުވެސް ލާރި ދެއްކުމުން ޖާގަ ކަށަވަރުވާކަމަށާ، ހައްޖަށް ދެވޭ އަހަރު ކަށަވަރު ކުރެވޭ ކަމަށާއި ބައެއް ގައުމުތަކުގައި ހައްޖަށް ދާ އެންމެނެ ހޮވަނީ ގުރުއަތުންކަމަށެވެ. އެއީ އެއްވެސް މީހަކަށް ދެވޭނެ ކަމުގެ ޔަގީންކަން ނޮއޮންނަކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ ފަރުޟު ހައްޖު ކުރަން ބޭނުންވާ މީހުންނަށް އިސްކަންދެވޭނެ ކަމަށާއި ހައްޖުކޮށްފަ ހުންނަ މީހަކަށް ސައުދީގައި އޮންނަ ގޮތަށް ފަސް އަހަރު ފަހުން ނޫނީ އަލުން ނުދެވޭ ގޮތަށް ވެސް ބައެއް ގައުމުތަކުގައި އަމަލު ކުރަމުންދާ ކަމަށެވެ. އަދި އެއީ ފަރުޟު ހައްޖު ކުރުމަށް ގިނަ މީހުންނަށް ފުރުސަތު ދިނުމަށް އަމަލު ކުރަމުންދާގޮތް ކަން ޝަހީމް ފާހަގަކުރެއްވިއެވެ.