English Edition
Dhivehi Edition

އައްޑޫސިޓީގެ ތިމާވެއްޓާއި ދަތުރުފަތުރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ. ހުސައިން ޚަލީލާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާއާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކުރައްވައިފިއެވެ.

ވަކި ވަކިން ކުރިއަށް ދިޔަ މި ދެ ބައްދަލުވުމުގައިއައްޑޫގެ ތިމާވެށީގެ ނާޒުކަން ފާހަގަކޮށް، އައްޑޫގެ ބައެއް ސަރަހައްދުތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޑރ. ހުސައިން ޚަލީލާ މަޝްވަރާކުރެވުނެވެ. މީގެ އިތުރުން މިބައްދަލުވުމުގައި އައްޑޫ ނޭޗާ ޕާކް ރަނގަޅުގޮތެއްގައި ހިންގުމާއި، ކުނި މެނޭޖް ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މުހިންމު ކަމާއި، އިންސިނިރޭޓާ ބެހެއްޓުމާއި، އަވިން ހަކަތަ އުފެއްދުން އިތުރު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ

މީގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާއާއި ބައްދަލުކޮށް އައްޑޫގެ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން ސިޓީ ކައުންސިލް އިންވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާގައި އެއްގަމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އުޅަނދުތަކުގެ ރަޖިސްޓްރީގެ ކަންކަން ހިނގާގޮތް ބަލައި ހަރުދަނާކޮށް، މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ގާއިމް ކުރަންޖެހޭ ރޯޑް އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މި ދަތުރުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ އާއިވެސްވަނީ ބައްދަލުކުރައްވާފައެވެ.