އަމިއްލަ ފަރާތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކްް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ރިޔާސީ އިންތިޚާބުގެ ކުރިން އެ މަނިކުފާނު ހަވާލު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ
މި ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަކަން، ޔާމީންގެ ފަރާތްޕުޅުން އަދި އޭސީސީއަކުން ވެސް މިހާތަނަށް ޔަގީންކޮށްދީފައެއް ނުވާއިރު އެ ފައިސާ އަށް ވީ ގޮތް ހާމަކޮށްދޭން މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ކުރީގެ ރައީސް ޔާމީނަށް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް މީގެ ކުރިން އޭސީސީން ވަނީ ބުނެފަ އެވެ
ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލަ ފައިލްކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ބުނީ ޔާމީންގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެސްއޯއެފް ކުންފުނީގެ މީހުންނާ ސުވާލުކުރަން ބެލިއިރު، ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން އެ މީހުން ކޮމިޝަނަށް ހާޒިރު ކުރެވޭ ގޮތް ވެފައިނުވާތީ އެ މައްސަލަ ފައިލް ކޮށްފައި ކަމަށް އެ ކޮމިޝަނުންވަނީ ކުރިން ބުނެފައެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓުގައި ހުރި އެ ފައިސާ މިހާރު ވަނީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކަމަކު، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަހުގީގު ތައް އަދިވެސް ކުރިއަށްދާތީ އެ މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ