English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާފައިވާ އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތުގެ ބައިތައް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ހޯއްދަވައިފި އެވެ

މިސްކިތުގެ ބައިތައް ފެނިފައިވާކަމަށް ވިދާޅުވެ ޔުމްނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރޫޅާލި ކަޅުވަކަރު މިސްކިތުގެ ބައިތައް ގައުމީ ދާރުލް އާސާރުގެ ތެރޭގައި ހުރި ކަމަށެވެ. އަދި އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ކުރީ ސަރުކާރުން 2016 ވަނަ އަހަރުގެ އޮގަސްޓަ މަހު ލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް ރޫޅާލާ އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން ފަހުން އެ މިސްކިތާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ

ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ