ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެންކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ، އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މި މަހުގެ 2 ވަނަ ދުވަހު، ހުކުރު ހުތުބާ އައްޑޫ ބަހުރުވައިން ކިޔާފައިވާ މައްސަލަ އާއި ގުޅިގެން އިމާމަކު ސަސްޕެންޑކުރުމާއި ގުޅިގެންނެވެ. އައްޑޫ ބަހުރުވައިން ހުތުބާކިޔައިގެން އިމާމަކު ސަސްޕެންޑް ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ގޮތުން އައްޑޫ މީހުން، އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ގިނަ ބަޔަކު ގޮވާލާފައިވާއިރު މިއީ އެއްވެސް މައްސަލައެއް ނޫންކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ އްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ވުރެ ބޮޑު މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން ކަމަށެވެ.
އައްޑޫ ބަހުރުވައިން ހުތުބާ ކިޔާފައިވާ މައްސަލައާއި ގުޅިގެން ޔުމްނާ ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ ބަހުރުވަތައް ވެސް ހިމެނޭ ކަމަށެވެ. އަދި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެންކަމަށް ޔުމްނާ ވިދާޅުވިއެވެ. އިތުރަށް ޔުމްނާ ވިދާޅުވީ ބަސްކުރިއެރުވޭނީ ބަހުރުވަތަކުން މުއާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެން ކަމަށެވެ.