ސަގާފަތާއި ތަރިކަ، ފަތުރުވެރިކަމުގެ ދާއިރާއަށް ވެއްދުމަށް ސަރުކާރުން ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައި ކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މި ވޭތުދެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމަށް އައިސްފައިވާ ބަދަލަށް ބަލާއިރު، ގެސްްޓް ހައުސް ވިޔަފާރި ފުޅާވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ބަދަލާ އެކު ސަގާފަތާއި ތަރިކަ ފަތުރުވެރިކަމުގެ ދާއިރާއަށް ވެއްދުމަށް ސަރުކާރުން ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހުރި އެފަދަ ތަންތަން ހިމާޔަތް ކޮށް އެތަންތަނަށް މިހާރު ވެސް ފަތުރުވެރިން ޒިޔާރަތް ކޮށް އެތަންތަނުގެ ވާހަކަތައް މިހާރު ވެސް ފަތުރުވެރިންނަށް ހިއްސާ ކުރަމުންދާ ކަމީ އެކަމަށް އޮތް ތަރުހީބު ފެންނަމުންދާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަގާފަތާއި ތަރިކަ ޓޫރިޒަމްގެ ތެރެއިން މުޅި ދުނިޔެއަށް ހިއްސާ ކުރެވުން ލިބޭ އެންމެ ބޮޑު އެއް ފައިދާއެއްގެ ގޮތުގައި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.
“ދިވެހިންގެ ތެރޭގައި ކުރަމުންދާ އަތްތެރިކަމުގެ މަސައްކަތްތަކާއި އެފަދަ މަސައްކަތުން އުފައްދާ ތަކެތި ވެސް ޓޫރިޒަމް މާކެޓުގައި ވިޔަފާރި ކުރުމަށް ނެރެ އެ މަސައްކަތް ކުރާ ފަރާތަތަކަށް އާމްދަނީ ލިބި ކޮމިއުނިޓީއަށް އެއިން ވަރަށް ފައިދާ ކުރާނެ.” މިނިސްޓަރ ވިދާޅުވިއެވެ.