ޖިންސީ ހަމަހަމަކަން ޤާއިމްކުރުމަކީ ކޮންމެ މުޖުތަމަޢެއްވެސް ތަރައްޤީކޮށް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު އެއް ފިޔަވަޅުކަން ޔަގީނެވެ. ނަމަވެސް ޖިންސީ ހަމަ ހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މި ގޮންޖެހުންތައް ފަހަނައަޅާ އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހިއްސާ ތަރައްޤީގައި އިތުރުކުރުމަށް އަންހެނުން އަމިއްލައަށް ކެރިގެން ނިކުންނަ އެބަޖެހެއެވެ. އަންހެނުންނަކީވެސް ކެރޭ ހިތްވަރުގަދަ ބައެއްކަން ބަހާއި އަމަލުން ސާބިތުކޮށްދޭން އެބަޖެހެއެވެ
ސ.މީދޫ ރިޔާ ރަޝީދާ އިބްރާހީމް އަކީ ހިތްވަރާއި ކެރުމާއެކު މުޖްތަމައުއަށް ހިދުމަތެއްކޮށް ދިނުމުގެ ބޭނުމުގައި، ނިކުމެ އަންހެނުންނަށްވެސް ކަންތައްތައް ބަދަލުކުރެވޭނެކަން ދައްކާފައިވާ އަދި ދައްކަމުންދާ އަންހެނެކެވެ.2010 ވަނަ އަހަރު މީދޫގައި އުފެއްދި މީދޫ އެކުވެރިންގެ ޗޭނުން އިޖްތިމާއީ މަސައްކަތްކުރުމަށް ނިކުތް ރަޝީދާ އަކީ ފިސާރި ހިތްވަރުގަދަ ކެރޭ އަންހެނެކެވެ. “އިޖްތިމާއީ މަސައްކަތްކުރުމަށް ޝައުގުވެރިކަން އުފެދުނީ ކުޑައިރުއްސުރެ ބައްޕަ އެ މަސައްކަތްކުރާތަން ފެނި.އޭރުވެސް ބޭނުންވޭ ރަށަށް ކޮންމެވެސް ކަމެއް ކޮށްދޭން “މީދޫގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ އިބްރާހީމް ހަސަންގެ ފިޔަވަޅުމަތިން އިޖްތިމާއީ މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ރަޝީދާ ބުންޏެވެ
.ޗޭނު ޖަމިއްޔާ އާއި އެކު މީދޫގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ރަޝީދާ ބުނީ މިހާތަނަށް ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މީދޫ އޮޓޯޕޮޓްެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ. “ފާއިތުވެ ދިޔަ އަހަރުތަކުގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފަ ހުންނާނެ. އޭގެ ތެރެއިންވެސް އޮޓޯޕޮޓްގެ މަސައްކަތަކީ ވަރަށް ކާމިޔާބުކަމާއެކު ހިންގަމުންދާ މަސައްކަތައް. އެ މަސައްކަތް މިހާ ކާމިޔާބުކަމާއެކު ކުރިއަށްދަނީ މަސައްކަތުގެ ފެށުން ރަގަޅުވެ، ރަނގަޅު ޕްލޭނަކާއެކު ކުރިއަށްދާތީ”ރަޝީދާ ބުންޏެވެ
.މިހާރުވެސް ރެޑްކްރަސެންޓް މީދޫ ގޮފީގެ ނައިބު ރައިސާގެ މަގާމު އަދާކުރަމުންދާ ރަޝީދާ ވަނީ އެން.ޖީ.އޯ ފޯރަމްގައި ތިންފަހަރު ބައިވެރިވެފައެވެ. އަދި ހިއުމަން ރައިޓްސް ޓީއޯޓީ ހަދާފައިވާއިރު ރަޝީދާވަނީ އިންޓަނޭޝަނަލް ގޯލަބަލް މީޓިން އޮފް ވިމެންސް ލީޑަރޝިޕް ސާކަލް މީޓިންގައި ބައިވެރިވެ އެ ޓްރައިނިންތަކުން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ކަންތައްތަކެއް ކޮށްފައެވެ
ގައުމީ ފެންވަރުގެ އެކި އެކި ފޯރަމްތަކާއި، އިންޓަނޭޝަނަލް ފޯރަމް ތަކުގައިވެސް އަންހެނުންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރަޝީދާއަކީ މީދޫގެ ކުޅިވަރު ކުރި އެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ފަރާތެކެވެ. މީދޫ ދޮންދީނި ބަށި ޓީމް، ފުޓްސަލް ޓީމް، އަދި އަންހެން ވޮލީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ ޓީމްތަކަށްވަނީ އަތޮޅު ފެންވަރުގައި ރަންވަނަތައް ހޯދައިދީފައެވެ.އެފްއޭއެމް ގްރާސްރޫޓް ފުޓްބޯޅަ ކޯޗިން ޓްރައިނިން އަދި ބަށި ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރަޝީދާ ބުނީ ކޮންމެ ކުޅިވަރެއްގައިވެސް އަބަދުވެސް އެންމެ އިސްކަމެއް ދީފައިވަނީ އެކުވެރިކަން ބަދެހިކޮށް ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދެހިކޮށް ކުރިއަށް ގެންދިއުމަށްކަމަށެވެ.ރަޝީދާ ވަނީ ރަށު ފެންވަރުގައި އަންހެނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން އަމިއްލައަށް ރާވާ އިންތިޒާމުކޮށްގެން ނެޓްބޯޅަ މުބާރާތަކާއި ފުޓްސަލް މުބާރާތެއްގެ އިތުރުން ބަށި މުބާރާތެއްވެސް ވަނީ ބާއްވާފައެވެ
.ރަޝީދާ ބުނީ އިޖްތިމާއީ މަސައްކަތްކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަންކަން ހިންގުމަށް ބޭނުންވާ ފަންޑް ނުލިބުންކަމުގައެވެ.” ފަންޑް ނުލިބުން އެއީ އެންމެ އުނދަގޫ މައްސަލަ. މީގެ އިތުރުން މިކަހަލަ މަސައްކަތަކަށް ނިކުމެ އުޅޭއިރު އަގުވައްޓާލާ މީހާ ދަށްކޮށްލުމަށްޓަކައި ދައްކަމުންދާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުންވެސް ގޮންޖެހުމާއި ދިމާވޭ”ރަޝީދާ ބުންޏެވެ.
އިޖްތިމާއީ މަސައްކަތުގައި ދެމި ހުރުމަށް އާއިލާ އާއި އެކުވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ރަޝީދާ ވަނީ ފާހަގަކޮށްފައެވެ. ” އާއިލާއާއި ދަރިފުޅު ޔަޒަން އަދި އެކުވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. މިކަމުގައި ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ”ރަޝީދާ ބުންޏެވެ
.އިޖްތިމާއީ މަސައްކަތައް އަލަށް ނިކުންނަ ޒުވާނުންނަށް ރަޝީދާ ބުނެފައިވަނީ އިޖްތިމާއީ މަސައްކަތައް ނިކުތުމަކީ ވަރަށް ރަގަޅު މަސައްކަތެއްކަމަށާއި ކުރިއަށް ދިއުމުގައި ދިމާވާ ކަންތައްތަކާއި ކުރިމަތިލާން ކެރެންޖެހޭނެ ކަމަށެވެ. “މިކަމަށް ނިކުންނަންވާނީ ގޮންޖެހުންތައް ހުންނާނެކަން ދަނެ ހިތްވަރާއެކު. ރަގަޅު ގޮތުގައި ކުރިއަށްދާން ނިކުތްނަމަ ކުރިއަށް ދެވޭނެ. “ރަޝީދާ ބުންޏެވެ. މީގެ އިތުރުން ރަޝީދާ ބުނީ ކޮންމެ ކަމެއްގައިވެސް ހެޔޮނިޔަތާއެކު ކުރިއަށް ދިއުމަށް މަސައްކަތްކުރާނަމަ ކާމިޔާބު ލިބިގެންދާނެ ކަމަށެވެ. “ރަށުގެ ކަންތައްތައް ރަގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް އަންހެނުންގެ ހިއްސާ ވަރަށް މުހިއްމު”ރަޝީދާ ބުންޏެވެ
ރަޝީދާ އަކީ ގޮންޖެހުންތަކާއި އެކުވެސް ފަސް އެބުރި ބެލުމެއްނެތި މީދޫއަށް ގިނަ ހިދުމަތްތަކެއްކޮށްދެމުންދާ ކަނބަލެކެވެ. މިއަދުގެ ޒުވާނުންނަށް ރަގަޅު ނަމޫނާއެކެވެ. “އޭއޯ ނިއުސް” އިން އެދެނީ ރަޝީދާގެ މަސައްކަތަށް އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ. ހިލޭ ސާބަހަށް ރަށަށްޓަކައި، މުޖްތައުއަށްޓަކައި ކުރާ މަސައްކަތްކީ ގެއްލިގެންދާނެ މަސައްކަތެއް ނޫނެވެ.