އްޑޫ ސިޓީގައި މި ސަރުކާރުން ޤާއިމް ކުރާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްގެ 99 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ
ޗެނަލް ތާރޓީން އިން ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ގެނެސްދިން ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ސިއްޙީ ނިޒާމް ހަރުދަނާކޮށް ފުޅާކުރެވިފައިވާކަމަށެވެ. މި ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިނެއް ބެހެއްޓުމުގެ އިތުރުން، މިހާރު އެ ހޮސްޕިޓަލްގައި އެމްއާރުއައި މެޝިނެއްވެސް ބެހެއްޓުމަށް ތައްޔާރުވަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވާފައިވަނީ ރާއްޖޭގެ އާބާދީގެ ކުޑަ ބޮޑުމިނަށް ބެއްލެވުމެއް ނެތި ކަމަށެވެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު،މިދިޔަ ހަފްތާތެރޭގައި އައްޑޫ އަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލް ބައްލަވާލެއްވުމަށްފަހު ވިދާޅުވެފައި ވަނީ އެމްޑީޕީ ސަރުކާރުގައި އައްޑޫގައި ކޮންވެންޝަން ސެންޓަރެއް އެޅީ ވަރަށް ގިނަ އުއްމީދުތަކާއި އެކުގައި ކަމަށާއި ނަމަވެސް ހޮސްޕިޓަލެއް އެޅުމުގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އެތަން ރޫޅާލާފައިވާ ކަމަށެވެ
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ އިދިކޮޅު ބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދެވޭ އިޖްތިމާއީ ޚިދުމަތުގެ ކަންކަން ސިޔާސީ ކުރައްވަން ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 14 ނޮވެމްބަރ 2016 ގައެވެ.
.