ޗައިނާއަށް ރާއްޖެ ދަރާފައިވަނީ 3.2 ބިލިއަން ޑޮލަރު ކަމަށް އެ ގައުމުން ބުނާ ކަމަށާއި އެއީ ހަމައަގުތޯ ބަލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
އިއްޔެ ހއ. ދިއްދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި އަރަމުން އަންނަ ބާރެއްގެ ނަޒަރު ރާއްޖެއަށް މާބޮޑަށް ހުއްޓިފައިވާ ކަމަށާއި އެ ގައުމަކީ ޗައިނާ ކަމަށެވެ. އަދި ޗައިނާއާ މެދު ސަމާލުވާން ޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ
“ދަރަނި ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން މަހަށް ގޮސްގެންނާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކުން ލިބޭ ފައިސާއިން.ޗައިނާއިން އެބުނާ ދަރަންޏަކީ ހަމަ އަގުތޯ ބަލަން ބޭނުންވޭ. އަޅުގަނޑުމެންނަށް ނުލިބޭ ފައިސާއެއް. ނުލިބޭ އެއްޗެއް އަނބުރާ އަޅުގަނޑުމެނަކަށް ނުދެއްކޭނެ” ނަޝީދު ވިދާޅުވިއެވެ
މީގެ އިތުރުން ދަރަނި އަނބުރާ ދެއްކުމުގައި އިތުރު ވިސްނުމެއް ހޯދޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ
އައްޑޫއަށް ފަހު ހއ. އަށް ފެއްޓެވި ދަތުރުފުޅުގައި ޗައިނާގެ ވާހަކަ ނަޝީދު ދެއްކެވި އިރު އައްޑޫގައި ހުންނަވައި ވިދާޅުވެފައިވަނީ އައްޑޫގައި އުޅޭ މީހުންގެ މަސްލަހަތު ގުޅިފައިވަނީ ހަމައެކަނި ރާއްޖެއާ ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ މާ ބޮޑަށް ގުޅިފައިވާ ކަމަށެވެ.