މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
އިއްޔެ ހއ.ދިއްދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ ތެރެއިން ވެސް ކަންކަން ގޯހުން ދަނީ އެ ބޭފުޅުންނަށް ރިޝްވަތު ދޭނެ ބަޔަކު ތިބޭތީ ކަމަށެވެ.އަދި ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށާއި އެހެންކަމުން ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުންކަމަށް ނަޝީދު ވިދާޅުވިއެވެ
“ފަނޑިޔާރުން ވިޔަސް މަގުން ކައްސާލަނީ އޭނާއަށް ފައިސާ ދިނީމަ. ރިޝްވަތުގެ ފައިސާ ދޭ މީހާއަކީ އެ ފައިސާ ހިފާ މީހެކޭ އެއްފަދައިން އިސްލާހުކުރަން ޖެހޭ މީހެއް. ފަނޑިޔާރުގެ އިސްލާހުކުރުމަށް މިހާރު ވެސް ނިޒާމަށް އެތައް ބަދަލެއް ގެނެސްފި. ނަމަވެސް އެންމެފަހުން އޮންނަނީ އިހު އޮތް ތަނަށް ރުޖޫއަވެފައި. މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ ފަނޑިޔާރު މަނިކުފާނެއް ނޫން. އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ މަހުޖަނު. އެކަން ހަނދާން ނައްތާލައިގެން ނުވާނެ.”ނަޝީދު ވިދާޅުވިއެވެ
ނަޝީދުގެ ވާހަކަތައް އަމާޒުކުރައްވާފައިވަނީ ގާސިމް އިބްރާހީމްއަށް ތޯ ވިދާޅުވެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.