English Edition
Dhivehi Edition

އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން، އެންމެ ފުރަތަމަވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރައްވާ ވާހަކަ ނަޝީދު ދެއްކެވުމުން ހިތާމަކުރައްވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ނިޒާމަކީ އެއީ ކަމަށާއި އެމްޑީޕީ ގަބޫލު ކުރާ ފަލްސަފާއަކީ ވެސް އެއީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، ނިޒާމް ބަދަލު ކުރާ ވާހަކަ މި ވަގުތު އިސްވެ ދައްކަވަންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސްއަށް އުނދަގޫފުޅުވާ ގޮތަކަށް އެކަހަލަ ކަމެއް ކުރާކަށް ދުވަހަކު ވެސް ނޫޅުއްވާނެކަމަށެވެ.”އަޅުގަނޑުމެން މިހާރު ވެރިކަމުގަ މި ތިބީ، ރައިސުލްޖުމްހޫރިއްޔާއަކީ ވެސް އެމްޑީޕީ، ރައްޔިތުންގެ މަޖިލީހަކީ ވެސް އެމްޑީޕީ، މި ވަގުތަށް ބަލާއިރުގަ އަޅުގަނޑުމެންނަށް އޭގެންވާ އުނދަގުލެއް ނެތް” ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ވާން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ މިއަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ބަދަލުގައި، ނަޝީދުގެ އަމާޒަކަށް ވާންވީ ރައްޔިތުން ބޮޑެތި އުއްމީދުތަކާއެކު ވޯޓުދިން އެޖެންޑާ 19 ގައި ހުރިކަންކަން ފުއްދައިދިނުންކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ ލިބިފައިވާއިރު ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން މިހާރު އެޕާޓީއަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންނަމަވެސް ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.