English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީސް އޮންނާނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ވައުދުތައް ފުއްދާ ތަނެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ރޭ ހުވާ ކުރާ އާ މަޖިލިހުގެ ރައީސް ކަމަށް ގެނައުމަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުން ނަޝީދު ހޮވި ވަޑައިގެންފައިވާއިރު، ނޫސްވެރިންނާއި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުމަށް ބުރޫއެއް ނާރެނެކަމުގެ ޔަގީންކަން ނަޝީދުވަނީ ދެއްވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަކީ ކުރިން ވިސްނަވާފައި އޮތް ކަމެއްނޫންކަމަށާއި އެހެންނަމަވެސް މަޖިލީހުގެ ރައީސަކަށް ވަޑައިގަތުމަށް ނިންމެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ މަޝްވަރާއާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލިސް ހިނގަމުން ދާނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާއި ހަމަތަކާ ހިލާފަށް އެއްވެސް ކަމެއް މަޖިލިހުގައި ނުހިގާނެކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.