މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމް، ކެރަފާ ނަސީމް ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ
ހެލްތް މިނިސްޓަރ ކަމަށް ކެރަފާ ނަސީމް އައްޔަންކުރެއްވުމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާާޅުވެފައިވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ހިންގުން ތެރި، ތަޖުރިބާހުރި ބޭފުޅެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކެރަފާ ނަސީމް އެ މަގާމަށް އައްޔަން ކުރެއްވުމަކީ ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމުގައެވެ.
“އަޅުގަނޑަށް ޔަގީން މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ.” މިނިސްޓަރ އަށް ތައުރީފު ކުރައްވަމުން ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ހެލްތް މިނިސްޓަރަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިއަދު އައްޔަން ކުރެއްވި މިނިސްޓަރ ނަސީމް ވަނީ 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ. އަދި އޭގެ ކުރިން މިނިސްޓަރ ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ.
ކުރީގެ ހެލްތް މިނިސްޓަރ އަމީން އިސްތިއުފާ ދެއްވި އިރު އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، އަމީން މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އޮތީ ވައްދައިފައެވެ.
ދިވެހިރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލު ކުރި ކަމަށް އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރެވި, ތަހުގީގު ފެށުމާއެކު އެކަމަށް ޖާގަ ދެއްވުމަށްޓަކައި އަމީން އަމިއްލަފުޅަށް މަގާމުން އެކަހެރިވެ ވަޑައިގެން 2 މަސް ދުވަހު ހުންނެވިއެވެ.
އަމީން އަށް ތުހުމަތުކުރެވޭ މި މައްސަލައިގައި އަމީން ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނުވާ ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.